ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖޭގައި 2،485 ކައިވެނި ކުރެވުނު އިރު، 1،326 ވަރި ރަޖިސްޓްރީ ކުރެވިފައިވެއެވެ. މިއީ ކުރެވުނު ކައިވެނީގެ އަދަދުގެ 53 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.
ފެމިލީ ކޯޓުން މިއަދު ހާމަކުރި މަޢުލޫމާތުތަކުން އެނގޭގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި ކުރެވުނު 181 ކައިވެނިވެސް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި 163 ދިވެހިން ބިދޭސީންނާ ކައިވެނިކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި 45 ދިވެހި އަންހެނުން ބިދޭސީ ފިރިހެނުންނާއި، 118 ދިވެހި ފިރިހެނުން ބިދޭސީ އަންހެނުންނާ ކައިވެނިކޮށްފައިވެއެވެ.
ކޯޓުން ހާމަކުރި އިތުރު މަޢުލޫމާތުތަކުން އެނގޭގޮތުގައި، މިދިޔަ އަހަރު ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރެވުނު ޚަރަދުގެ މިންވަރު 97 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރޭގައި އަނބިދަރިންގެ ޚަރަދާއި، އިއްދައިގެ ޚަރަދާއި، ވިހެއުމުގެ ޚަރަދާއި އަދި ކައިވެނީގެ ރަން ހިމެނެއެވެ.
މީގެ އިތުރުން، ހުކުމްތަކާ ގުޅިގެން ކޯޓަށް 46 މިލިއަން ރުފިޔާ ބަލައިގަނެވުނު އިރު، 2023 ވަނަ އަހަރު ރައްދު ނުކުރެވި ހުރި ފައިސާ ހިމެނޭގޮތަށް 47 މިލިއަން ރުފިޔާ ރައްދުކުރެވިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ގެވެށި އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ 117 އަމުރު މިދިޔަ އަހަރު ނެރެވިފައިވާކަންވެސް ފެމިލީ ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު 2،293 އައު މައްސަލަ ހުށަހެޅުނު އިރު، ކުރީ އަހަރުން ބާކީ އޮތް 318 މައްސަލައާއެކު ޖުމްލަ 2،370 މައްސަލަ ނިންމާފައިވެއެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މިދިޔަ އަހަރު ކޯޓަށް ހާޒިރުވުމަށް އަންގައި 12،096 އަމުރު ފޮނުވާފައިވާ އިރު، 4،101 ޝަރީޢަތުގެ އަޑުއެހުން ބޭއްވިފައިވެއެވެ.