ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު އަވަހާރަވުމާއި ގުޅިގެން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ޤައުމަށް، ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެއްކަމަށް ވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ޝުޢައިބު ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން ފޮނުއްވެވި ތަޢުޒިޔާގެ މެސެޖުގައެވެ.
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ޒަކަރިއްޔާ މިރޭގެ ވަގުތެއްގައި އަވަހާރަވީ އިރު އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ޤައުމަށް ޚިދުމަތްކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ޝުޢައިބު ޒަކަރިއްޔާ ވަނީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައި ޚާއްޞަ ޚިދުމަތްތަކެއް ކޮށްދެއްވާފައިކަމަށެވެ. ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވަނީ މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރައްވާ، އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރު ކުރައްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ.
ޝުއައިބު ވަނީ 11 އަހަރު ވަންދެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ 26 މާރިޗު 2011 ގައެވެ. އަދި އެ މަޤާމުން ރިޓަޔަރ ކުރެއްވީ 22 ނޮވެމްބަރު 2022 ގައެވެ. މީގެ އިތުރުން، ޝުއައިބު ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަޤާމާއި، ޚާއްޞަ ޤާޟީގެ މަޤާމާއި، ފެމިލީ ކޯޓުގެ ޤާޟީކަމާއި، މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ޤާޟީކަން ވެސް ކުރައްވާފައެވެ.
ފަނޑިޔާރު ޝުއައިބުގެ ތަޢުލީމީ ފެންވަރަށް ބަލާއިރު، 1997 ވަނަ އަހަރު ޤަޠަރު ޔުނިވަރސިޓީން ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވެއެވެ. އަދި 2006 ވަނަ އަހަރު މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕެރެޓިވް ލޯ ހައްދަވާފައިވެއެވެ.

