ސިއްޙަތާ ބެހޭ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ރާއްޖޭގައި އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކުން މިޤައުމު ސަލާމަތްކުރުމަށްކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރ. ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގައި ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ވަޒީރު ނާޒިމް ވިދާޅުވީ ސަރުކާރުން ސިއްޙަތާ ބެހޭ ސި ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ދުރާލާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިނިޒާމަކީ ވަށާޖެހޭ ނިޒާމަކަށް ހެއްދެވުމަށް ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއަދު މުޖުތަމަޢުން ފެންނަނީ ފުރާނައަށް ނުރައްކާވާ، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަ މަންޒަރެވެ. މިއީ ދިރިއުޅުމުގެ އާދަކާދައާއި ގުޅިފައިވާ ކަމަކަށްވާއިރު، މީގެކުރިން ވެރިއަކަށް ކުރައްވަން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ދުންފަތާއި ވޭޕަކީ ސީދާ ސިއްޙަތަށް ގެއްލުންހުރި އެއްޗަކަށްވީނަމަވެސް މީގެކުރިން އެކަމަށް ފިޔަވަޅެއް އެޅިފައި ނެތް. މިހާރު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއެކު އަންނަން އޮތް ޖީލަކީ ދުޅަހެޔޮ ޖީލަކަށްވުމުގެ މަގުފަހިވެގެންދާނެ,” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި، ޕްރައިމަރީ ހެލްތު ކެއަރ ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމް އެއްކޮށް ނިންމައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ތަންފީޒުކުރެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ.
ސިއްޙީ ނިޒާމަކީ ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކުރާ ނިޒާމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް އަންނަން އޮތް ޖީލު ޝުކުރުއަދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާސަންދައާއި ބޭހަށް ކުރާ ހޭދައިގެ ތެރެއިން ކުރެވޭ އިސްރާފު ކުޑަކޮށް، އެފައިސާ ސިއްޙީ ނިޒާމުގެ އެހެންކަންކަން ހަރުދަނާކުރުމަށް ހޭދަކުރެވޭނެ ގޮތްވެގެންދިޔުމަކީ ނިޒާމު ވަރުގަދަ ކުރުމަށް ލިބޭބާރެއްކަމުގައި ވަޒީރު ނާޒިމް ފާހަގަކުރެއްވިއެވެ.