ޒަކާތު ހައުސްއިން މިއަދު މުދަލު ޒަކާތުގެ ނިޞޯބު 8،800.05 ރުފިޔާއަށް ކުޑަކޮށްފިއެވެ. މިއީ ކުރިން ހުރި 9،240.35 ރުފިޔާއަށްވުރެ 440.30 ރުފިޔާ ކުޑަ އަދަދެކެވެ.
ޒަކާތު ހައުސްއިން ބުނީ ނިޞޯބު ހަމަވާ ކޮންމެ މުދަލަކުން ޒަކާތް ނެރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ.
އާންމު ގޮތެއްގައި މުދަލުގެ ނިޞޯބަށް ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. ރާއްޖޭގައި ޒަކާތުގެ ނިޞޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މި އަގުތައް ހާމަކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.
މުދަލުގެ ޒަކާތް ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞޯބުގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަ ފައިސާ ހަމަވެފައި ހުންނަތާ އެއް އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. އަދި ޒަކާތް ނެރެންޖެހެނީ އެ އަދަދެއްގެ 40 ބައިކުޅަ އެއްބައި ނުވަތަ 2.5 އިންސައްތައެވެ.
ޒަކާތު ހައުސްއިން އިތުރަށް ފާހަގަކުރި ގޮތުގައި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.