ދިވެހި ފުލުހުންގެ ޚިދުމަތުން ތިނަދޫ ސިޓީގެ ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލުންގެ 16 މަޤާމަށް މީހުން ހޯދުމަށް އިޢުލާނުކޮށްފިއެވެ. މި މަޤާމުތަކަށް ކުރިމަތިލެވޭނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ، ގްރޭޑް 10 ނިންމާފައިވާ ފަރާތްތަކަށެވެ.
މި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި މަހަކު 17,175 ރުފިޔާ ލިބޭނެއެވެ. ވަޒީފާ އަދާކުރަންޖެހޭނީ ތިނަދޫ ސިޓީގެ ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަމަށް ފުލުހުންގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
ކުރިމަތިލާ ފަރާތްތަކުގެ އިސްކޮޅު ފިރިހެނުންނަށް 5 ފޫޓު 3 އިންޗިއަށްވުރެ ކުރުނުވުމާއި، އަންހެނުންނަށް 5 ފޫޓަށްވުރެ ކުރުނުވުން ޝަރުތުކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތަކަށް ނުވުމާއި، މަސްތުވާތަކެތިން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން ޝަރުތުކޮށްފައިވެއެވެ.
މި މަޤާމަށް ހޮވޭ ފަރާތްތަކުން ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީނު ފުރިހަމަކުރަންޖެހޭނެއެވެ. އަދި ވަޒީފާއަށް ހޮވުމުގައި ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުގެ އިތުރުން މެޑިކަރުން މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭނެއެވެ.
މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 2025 ފެބުރުއަރީ 6 ވަނަ ދުވަހުގެ 16:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ކުށުގެ ރެކޯޑު ބަލާ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔެކިޔުންތަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން، ތިނަދޫ ސިޓީ ޕޮލިސް ސްޓޭޝަން ނުވަތަ ގދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައިވެއެވެ.

