ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނަށް ދެ މެންބަރުން އައްޔަން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ދެ ބޭފުޅަކު، ޢައްޔަންކުރައްވައިފިއެވެ. މި ދެ މެންބަރުން އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ދެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި، އެ ދެ މެންބަރުން ވަކިކުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ
- ދަފުތަރު ނަންބަރު ރސ 1548، މުޙައްމަދު ޒާހިދު
- ކ.ހުރާ، ރޯޒް/ ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު
މި ދެ މެންބަރުންނަށް މެންބަރުކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މެންބަރުކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މި ދެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރައްވައި، ހުވައިގެ އިޤުރާރުގައި ސޮއިކުރައްވާފައެވެ.
މި ދެ މެންބަރުން އައްޔަން ކުރެއްވުމާއެކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ އަދަދު މިހާރު ވަނީ ފަހަކަށް ހަމަވެފައެވެ. އެހެންނަމަވެސް، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަޤާމު އަދިވެސް އޮތީ ހުސްކޮށެވެ. ޤާނޫނަށް މިފަހުން ގެނެވުނު ބަދަލާ އެއްގޮތަށް، މި ދެ މަޤާމަށް މެންބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ މެންބަރުންނަކީ ޑރ. މުޙައްމަދު ޒާހިރު، ހަސަން ޒަކަރިއްޔާ، ޢަބްދުލްހަސީބް އުލްހަސީބް އިސްމާޢީލް، މުޙައްމަދު ޒާހިދު އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދުއެވެ.