ރާއްޖޭގައި ނޫސްވެރިކަމާއި އިންޓަނެޓު ރެގިއުލޭޓު ކުރުމާ ބެހޭ ބިލެއް ތަޢާރަފް ކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕޯކްސްޕާސަން، ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވެފައިވަނީ ނޫސްވެރިކަމާއި އިންޓަރނެޓް ރެގިއުލޭޓް ކުރުމާ ބެހޭ އެއްވެސް ކަހަލަ ބިލެއް ތަޢާރަފްކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ބިލެއް ތަޢާރަފްކުރުމުގެ މަސައްކަތެއް ސަރުކާރުން ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށެވެ. އަދި ކުރިންވެސް ހާމަކޮށްފައިވާ ގޮތަށް މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
“މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމުކޮށް ދެމެހެއްޓުން،” ހީނާ ވިދާޅުވިއެވެ.

