ހއ. އުތީމުގެ ކައުންސިލު އިދާރާގެ އައު އޮފީސް އިމާރާތާއި ރަށުގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ބިންގާ އަޅައިފިއެވެ. މި ދެ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. އުތީމުގައި މިހާރު ބޭނުންކުރަމުންދާ ކައުންސިލް އިދާރާއަކީ ކަތީބުންގެ ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ، ޖާގައިގެ ގޮތުން ވަރަށް ދަތި އިމާރާތެކެވެ.
އައު އިމާރާތުގައި ކޮންމެ ކައުންސިލަރަކަށް ވަކި ކޮޓަރިއާއި، ޖާގަ ތަނަވަސް މީޓިންގ ރޫމެއް އަދި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރާ އެކި ޔުނިޓްތަކަށް ފަސޭހައިން ޚިދުމަތް ދެވޭނެ ގޮތަށް ވަނީ ފަރުމާކޮށްފައެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢެވެ. މިހާތަނަށް އުތީމުގައި ފުލުހުންގެ ޚިދުމަތް ދެމުން އައީ ކައުންސިލް އިދާރާގައި ޤާއިމުކޮށްފައިވާ ޕޮލިސް ޑެސްކް މެދުވެރިކޮށެވެ.
އައު މަރުކަޒު ޤާއިމުކުރުމާއެކު ފުލުހުންގެ ޚިދުމަތަށް މުވައްޒަފުން އިތުރުކޮށް، ރަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.