ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ. އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫއަށް ރައީސް ވަޑައިގަތުމުން، ރަށުގެ ބަނދަރު ސަރަޙައްދަށް އެއްވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިއަދު ހެނދުނު ފެއްޓެވި މި ދަތުރުފުޅަކީ ތިން ދުވަހުގެ މައްޗަށް ރޭވިފައިވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހއ. އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް އެމަނިކުފާނު ވަނީ މުރައިދޫ، ފިއްލަދޫ އަދި އުތީމަށް ޒިޔާރަތްކުރައްވާފައެވެ. ދިއްދޫއަކީ މި ދަތުރުފުޅުގައި ވަޑައިގެންނެވި ހަތަރުވަނަ ރަށެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ދިއްދޫގައިވެސް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

