ހއ. އިހަވަންދޫގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
އެއްބަސްވުމުގައި ސިއްޙީ ވަޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރެވެ.
އިހަވަންދޫގައި އެކަށީގެންވާ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް މުޢިއްޒު އެރަށަށް ވެވަޑައިގެންނެވި ވަޢުދެކެވެ. އިހަވަންދޫއަކީ ހއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށް އަދި އުތުރުގެ ތަރައްޤީގެ ސަރަޙައްދީ މުހިންމު ރަށެކެވެ.
123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން ތަރައްޤީކުރާ މި 30 އެނދުގެ ހޮސްޕިޓަލް ވެގެންދާނީ ޖާގަ ތަނަވަސް އަދި ޚިދުމަތުގެ ގޮތުން ފުރިހަމަ ހޮސްޕިޓަލަކަށްކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މީގެ އިތުރުން އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރާނެއެވެ.
ހޮސްޕިޓަލް އިމާރާތްކޮށް ނިމެންދެންވެސް ރަށަށް ބޭނުންވާ ސިއްޙީ މުހިންމު ޚިދުމަތްތައް ދިނުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެގޮތުން މި ރަމަޟާންމަހުގެ ކުރިން އެ ރަށުގައި ކިޑްނީ ބަލިމީހުންނަށް ދޭ ޑައިލަސިސް ފަރުވާގެ ޚިދުމަތް ފައްޓަވާނެކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިއުމާ ގުޅިގެން، މިހާރުގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ނިމުމަކަށް ގެނެސް އާރްޑީސީއާ މަޝްރޫޢު ހަވާލުކޮށްފައެވެ. ނަމަވެސް ޕްރޮޖެކްޓުގެ ޑިޒައިންއާއި ސްކޯޕަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން ފާހަގަކުރެވެއެވެ.