އިހަވަންދޫގައި ޑައިލަސިސް ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި މި ޚިދުމަތް އަންނަ ރަމަޟާން މަހުގެ ކުރިން ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިހަވަންދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ވަޢުދުވެވަޑައިގެންފައިވާއިރު، މިހާރު ކުރިއަށްދާ އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ރަމަޟާންމަހުގެ ކުރިން އެރަށުގެ ސިއްޙީ މަރުކަޒުގައި ޑައިލިސިސްްގެ ޚިދުމަތް ފަށާނެކަމުގެ އުންމީދު ދެއްވަމުން ރައީސް ވިދާޅުވީ ވަރަށް އަވަހަށް އިހަވަންދޫގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވެމްކޯއިން ފަށްޓަވާނެކަމަށެވެ.
އިހަވަންދޫ ބަނދަރުގައި މައްސަލަތަކެއް އެބަހުރިކަމަށާއި، އެކަންކަންވެސް ރައްޔިތުން ބޭނުންވާގޮތަށް ހައްލުކޮށްދޭނެކަމަށް ރައީސްގެ ވާހަކަފުޅުގައި ހާމަކޮށްފައިވެއެވެ.
ރައީސްގެ ވާހަކަފުޅުގައި ގެދޮރުވެރިކަމުގެ ދާއިރާއިން އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ މަޝްރޫޢުއެއް ހިންގުމަށް އިޢުލާންކޮށްފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ އިހަވަންދޫގައިވެސް 200 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެކަމަށެވެ.
މީގެ އިތުރުން އިހަވަންދޫ ސްކޫލުގައި ޖާގަ އިތުރުކުރައްވާނެކަމަށް ރައީސް އިތުރަށް ވިދާޅުވެފައިވެއެވެ. އެއީ ތަޢުލީމީ ދާއިރާއިން އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ ކަމެކެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ތަރައްޤީގެނެސް ވައުދުތައް ފުއްދާނީ ރައްޔިތުންގެ އިޙްސާސާއި އެއްގޮތަށްކަމަށެވެ. އަދި މި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށް އިހަވަންދޫއަށް ވަޑައިަގތުމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.