ކ. ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 46 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި ބިދޭސީން ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް އިމިގްރޭޝަންގެ ޓާސްކުފޯހުން ކުރިއަށް ގެންދިޔަ ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ވިޔަފާރިތަކަށް ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެއެވެ. އަދި ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެފަރާތުން ވަނީ އިންޒާރުދީފައެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލު ކުރުން. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،” އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަނީ ކުރިން ވިދާޅުވެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން ދިވެހި މުޖުތަމަޢުއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މިހާރު ގެންދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

