ހއ. އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ ސިއްހީ މަރުކަޒުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އަންނަ ރަމަޟާން މަސް ނިމޭ ހިސާބުން ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމުގައިވާ އުލިގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި މި ވާހަކަ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އުލިގަމުގެ ތަރައްގީއަށް ބޭނުންވާ ގިނަ މަސައްކަތްތައް މިއަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާ ކަމަށާއި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ކަންތައްތައް އޭގެތެރޭގައި ހިމެނޭނެ ކަމަށެވެ.
“މިއަހަރުގެ ބަޖެޓުގެ ތެރެއިން މިރަށުގައި ކުރަން ހުރި ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އަޅުގަނޑުވާނީ ކަނޑައަޅައި ޕްލޭންކޮށް ނިންމާފައި. އެގޮތުން ބަލާއިރު އެންމެ މުހިންމު ކަމަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ އެންމެ ބޮޑު ކަމަކަށް އޮތީ ސިއްހީ ޚިދުމަތުގެ ވާހަކަ.” ރައީސް ވިދާޅުވިއެވެ.
ސިއްޚީ މަރުކަޒުގެ ޖާގަ އާއި އެތަނުގެ ހާލަތާއި އަދި ވަސީލަތްތައް ވަރަށް އާދައިގެ ގޮތަކަށް ކުޑަކޮށް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކޮށް އުލިގަމުގައި ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ސިއްހީ މަރުކަޒެއް އަޅައި ދެއްވާނެ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އުލިގަމުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށާއި ބަނދަރު ތަރައްގީވެގެން ދާއިރު، އެއްގަމު ތޮށިވެސް މަރާމާތުކޮށް ނިންމާލަން އަންގަވާފައިވާނެ ކަމަށެވެ. އަދި ހަމައެއާއެކު މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި ކުނި މެނޭޖްކުރަން ނިންމާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ އަތުން އެ ޕްރޮޖެކްޓު ނަގައި އެހެން ކުންފުންޏަކާ ހަވާލުކޮށްގެންވިޔަސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އުލިގަމުގެ ފުޓްބޯޅަ ދަނޑު ނިމޭއިރު ފެންސް ޖަހައި ލައިޓުވެސް ހަރުކުރެވިގެންދާނެ ކަމަށެވެ. އަދި އެރަށުގެސްކޫލް ޕްރޮޖެކްޓަށްވެސް 12 މިލިޔަން ރުފިޔާ އަރާއިރު، 10 މިލިޔަން ރުފިޔާ ދޫކޮށްގެން ވެސް މަޝްރޫއު ނުނިމޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއުތައް ކުރިޔަށް ނުގޮސް ލަސްތަކެއް ވަނީ ނިމިދިޔަ ސަރުކާރުން އެއް ކުންފުންޏަކަށް ގިނަ މަޝްރޫއުތައް ހަވާލުކޮށް އެޑްވާންސް ޕޭމެންޓުތައް ނުދީ ހުރުމުންނެވެ. ނަމަވެސް، ކުރިޔަށް އޮތް ދެތިން ހަފްތާތެރޭ އެ ހުރިހާ ކޮންޓްރެކްޓުތައް އުވާލައި އަލުން އެ މަސައްކަތް އެހެން ކުންފުނިތަކާ ހަވާލުކޮށް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“ރާއްޖޭގެ ހުރިހާ ރަށެއްގައި މިހެން ހުއްޓިފައި ހުރި ގިނަ މަޝްރޫއުތައް މިހުރީ މިހެންވެފަ. އެކަން ހައްލުކޮށް ކުރިޔަށް މިއޮތް ދެތިން ހަފްތާތެރޭ ކަންކަން ސޯޓްއައުޓް ކުރެވި ފެބްރުއަރީމަސް ނިމެންވާއިރަށް އަމަލީ ގޮތުން ގިނަ ރަށްރަށުގައި ހުއްޓިފައި ހުރި ގިނަ މަސައްކަތް ހިނގައިގަންނާނެ.” ރައީސް ވިދާޅުވިއެވެ.