އަލް މަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 11 ދަރިވަރު މުޙައްމަދު ތަމީމް އަޙްމަދު, އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފިލާވަޅު ދަސްކުރުމަށް އެހީވެދޭ އެޕްލިކޭޝަނެއް އުފައްދައިފިއެވެ. “މުސާޢަދާ” ނަމުން ނަންދީފައިވާ މި އެޕްލިކޭޝަނަކީ ޢަރަބިއްޔާ ސްކޫލުގެ މުޤައްރަރުގެ މަޢުލޫމާތު ފަސޭހައިން ހޯދުމަށް އެހީވެދޭ އެޕްލިކޭޝަނެކެވެ.
ތިން މަސް ދުވަހުގެ މަސައްކަތުން އުފެއްދި މި އެޕްލިކޭޝަން ވަނީ ޢަރަބިއްޔާ ސްކޫލުގެ ސައިންސް ފެއަރގައި އެންމެ ގިނަ މާކްސް ލިބުނު ޕްރޮޖެކްޓުގެ ލަގަބު ހާސިލު ކޮށްފައެވެ. މީގެ އިތުރުން މޯސްޓް އިނޮވޭޓިވް ޕްރޮޖެކްޓްގެ ލަގަބާއެކ ތަމީމްގެ ހައުސްއަށް އެއްވަނަ ވެސް ލިބުނެވެ.
މި އެޕްލިކޭޝަން އުފެއްދުމުގައި ތަމީމް ވަނީ މެޝިން ލަރނިންގ ބޭނުންކޮށްގެން މުޤައްރަރުގެ ފޮތްތަކުގެ މަޢުލޫމާތު އޭއައިއަށް ދަސްކޮށްދީފައެވެ. އަދި ޕައިތަން ޕްރޮގްރާމިންގ ލެންގުއޭޖާއި ގޫގުލްގެ ޓެކްސްޓް-ޓު-ސްޕީޗް އޭޕީއައި ބޭނުންކޮށްގެން އެޕްލިކޭޝަން ފަރުމާކޮށްފައިވެއެވެ. މި އެޕްލިކޭޝަނުގައި އަޒްހަރު ޔުނިވަރސިޓީގެ ސަތޭކައެއްހާ ފޮތުގެ މަޢުލޫމާތު ހިމަނާފައިވާކަން ތަމީމް ވަނީ ފާހަގަކޮށްފައެވެ.

ތަމީމް، ސުކޫލުގައި. ސައިންސްފެއަރގެ ތެރެއިން
ތަމީމް ބުނި ގޮތުގައި، ދިވެއްސާއި އިނގިރޭސި ފިޔަވައި އެހެން ހުރިހާ މާއްދާތަކެއް އަރަބި ބަހުން ކިޔަވައިދޭއިރު، ދަރިވަރުންނަށް އިތުރު އެހީ ބޭނުންވެއެވެ. ނަމަވެސް އެފަދަ އެހީ ހޯދޭނެ ފަސޭހަ ގޮތެއް ނެތް ކަމަށާއި ގޭތެރޭގައި ވެސް އާންމުކޮށް ވާހަކަ ދައްކަނީ ދިވެހި ނޫނީ އިނގިރޭސި ބަހުންނެވެ. އެހެންކަމުން، އަރަބި ބަހުން ވާހަކަ ދައްކާނެ އަދި ކިޔެވުމަށް އިތުރު އެހީއެއް ހޯދޭނެ އެހީތެރިއެއްގެ މުހިންމުކަން އަރަބިއްޔާގެ ދަރިވަރުންނަށް ވަރަށް ބޮޑުކަމަށް ތަމީމް ފާހަގަކުރިއެވެ.
މިހާރު އަދި ޅަފަތުގައި އޮތް މި އެޕްލިކޭޝަން އިތުރަށް ތަރައްޤީކުރުމުގެ ވިސްނުން ތަމީމް ގެންގުޅެއެވެ. އޭލެވެލް ނިންމުމަށްފަހު ތަމީމްގެ އަމާޒަކީ ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދިއުމެވެ. ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް އޭނާގެ ޝައުޤުވެރިކަން ބޮޑެވެ.
ޓެކްނޮލޮޖީގެ ދާއިރާއަކީ މިހާރު އެންމެ ކުރިއަރަމުންދާ އެއް ދާއިރާކަމަށްވެފައި، އާޓިފިޝަލް އިންޓެލިޖެންސްފަދަ ޓެކްނޮލޮޖީތަކުގެ ބޭނުން އިތުރުވަމުންދާއިރު، ތަމީމްފަދަ ދިވެހި ޒުވާނުން މި ދާއިރާއިން ކުރިއެރުމަކީ ޤައުމަށް މުހިންމު ކަމެކެވެ.
ތަމީމް ބުނި ގޮތުގައި، ހުސްވަގުތުތައް އޭނާ ހޭދަކުރަނީ މުސާޢަދާ އެޕްލިކޭޝަން ތަރައްޤީކުރުމުގެ މަސައްކަތުގައެވެ. ކޯޑިންގ ދަސްކުރުމުގައި ޔޫޓިއުބް ޓިއުޓޯރިއަލްތަކާއި ވެބްސައިޓްތަކުގެ އެހީ ހޯދާކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ޤަބޫލުކުރާގޮތުގައި ޝައުޤާއި ޢަޒުމާއެކު ކޮންމެ ކުއްޖަކަށްވެސް ކޯޑިންގ ދަސްކުރެވިދާނެއެވެ.
މުސާޢަދާ އެޕްލިކޭޝަންގެ މުހިންމު ޚާއްޞިއްޔަތެއްގެ ގޮތުގައި ތަމީމް ފާހަގަކުރި ގޮތުގައި، ފިލާވަޅުތަކާ ގުޅޭ ގޮތުން ކުރާ ކޮންމެ ސުވާލަކަށް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ޖަވާބު ދެވެއެވެ. މި އެޕްލިކޭޝަނުގެ ބޭނުން ދަރިވަރުންނާއި ސްކޫލުން ބޭނުން ކުރާނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް ތަމީމް ބުންޏެވެ.
މި އެޕްލިކޭޝަން އުފެއްދުމުގެ މަޤްޞަދަކީ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އޭއައި އެޕްލިކޭޝަނެއް ތަރައްޤީކުރުމެވެ. މި އެޕްލިކޭޝަނުގައި މުޤައްރަރުގެ މަޢުލޫމާތު ހިމަނައި، އަމިއްލަ އަޑެއް ދިނުމަށް ރާވަމުންދާކަން ތަމީމް ވަނީ ހާމަކޮށްފައެވެ.
ޓެކްނޮލޮޖީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން، އޭއައިގެ އެހީގައި ތަމީމް އުފެއްދި މުސާޢަދާ އެޕްލިކޭޝަނަކީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފިލާވަޅު އުނގެނުމަށް ޒަމާނީ ފެންވަރުގެ އެހީއެއް ކަމުގައި ބެލެވެއެވެ. މިފަދަ އުފެއްދުންތެރި މަސައްކަތްތަކަކީ ދިވެހި ޒުވާނުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭ ކަންކަން ކަމުގައި ފާހަގަކުރެވެއެވެ.