ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 13 އިން 17 އަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތަފްސީލު, ރައީސްއޮފީހުން ހާމަކޮށްފިއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމެވެ.
ދަތުރުފުޅުގައި މަޝްވަރާކުރެވުނު މުހިންމު ދާއިރާތައް:
- – ޑިޖިޓަލް އައު ގޮތްތައް
- – ސައިބަރ ރައްކާތެރިކަން
- – އިލެކްޓްރޯނިކް ވެރިކަން ހިންގުން
- – މޫސުމަށް އަންނަ ބަދަލުތައް
- – ޞިއްޙީ އަދި ތަޢުލީމީ ދާއިރާ
- – ފަތުރުވެރިކަން
- – އިޔާދަކުރަނިވި ހަކަތަ
- – ސްމާޓް ގްރިޑް
- – ސަލާމަތީ ކަންކަން
- – ތާރީޚީ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީ
އެސްޓޯނިއާގެ ފެންވަރު މަތީ ތަޢުލީމީ ނިޒާމާއި، އުނގެނުމުގައި ބޭނުންކުރާ އައު ގޮތްތަކާއި ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށާއި، އެ ޤައުމުގެ ޔުނިވަރސިޓީތަކުގައި ދިވެހި ދަރިވަރުންނަށް ފުރުސަތު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
އެސްޓޯނިއާގެ މޫސުމާބެހޭ ވަޒީރު ޔޯކޯ އަލެންޑަރ ވަނީ، ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތަކަށް (ސިޑްސް) އިސްކަންދީގެން، މޫސުމާއި ދެމެހެއްޓެނިވި ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިޔާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އީޖާދުތަކާއި، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ޒަމާނީ ޑިޖިޓަލް މުޖުތަމަޢުއާއި އިލެކްޓްރޯނިކް ވެރިކަމުގެ ނިޒާމުގެ އީޖާދުތަކާއި، އޮންލައިން ރެސިޑެންސީ، ޑިޖިޓަލް ކާކުކަން އަންގައިދޭ ނިޒާމު، އޮންލައިން ޓެކްސް ނެގުމުގެ ނިޒާމު، އަދި އެކްސް-ރޯޑް ނިޒާމު ފަދަ ކަންކަމުގައި މަޢުލޫމާތު ރައްކާތެރިކަމާއެކު ބަދަލުކުރުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކުން ރާއްޖެއަށް ލިބިދާނެ ފައިދާތަކާމެދު މަޝްވަރާކުރެވުނެވެ.
އެސްޓޯނިއާގެ ރައީސްގެ ޑިޖިޓަލް ލަފާދޭ މަޖިލީހާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތު ހާމަކުރައްވައި، ދިވެހިރާއްޖެ ޑިޖިޓަލް ޤައުމަކަށް ބަދަލުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކާއި ވިސްނުންފުޅު ހިއްސާކުރައްވާފައެވެ. ޑިޖިޓަލް އެޑްވައިޜަރީ ކައުންސިލުން ވަނީ، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި ޑިޖިޓަލް ކުރިއެރުވުމުގައި އަމިއްލަ ވިޔަފާރިތަކަށް އަދާކުރެވިދާނެ މުހިންމު ރޯލު ފާހަގަކޮށްދެއްވާފައެވެ.
ޕޯކޯ ޕޮޕް އެންޑް ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ކަލްޗަރަލް ދާއިރާއަށް ގެނެވިދާނެ ކުރިއެރުންތަކާމެދު މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ހައްލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
އެސްޓޯނިއާއިން ޑިޖިޓަލް ވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި، އީ-ވޯޓިންގ އަދި އެހެނިހެން ޓެކްނޮލޮޖީގެ އުފެއްދުންތަކާ ބެހޭ މަޢުލޫމާތު ދެ ޤައުމުގެ މެދުގައި ހިއްސާކުރެވުނެވެ. ދުނިޔޭގެ އަމަންއަމާންކަމާއި ސަލާމަތީ ކަންކަމުގައި ދެ ޤައުމުގެ މެދުގައި އޮތް ވިސްނުން އެއްގޮތްވާ ކަންކަން ފާހަގަކުރެވި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެވުނެވެ.
އީ-ގަވަރނަންސްއާއި އައި.ސީ.ޓީ ވަސީލަތްތައް ވަރުގަދަކޮށް، ސައިބަރ ރައްކާތެރިކަމާއި ޑިޖިޓަލް ހުނަރުވެރިކަން އިތުރުކުރުމާއެކު، ރަށު ކައުންސިލްތަކުގެ ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވެ ފަހުމުނާމާގައި ސޮއިކުރެވުނެވެ.
ޔޫރަޕިއަން ޔޫނިއަންގެ މާރކެޓަށް ދިވެހި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލުމަށް އެސްޓޯނިއާއިން އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ދިނެވެ. މީގެއިތުރުން، ދެ ޤައުމުގެ މެދުގައި ސިޔާސީ މަޝްވަރާތައް ފެށުމަށް ވެސް އެއްބަސްވެ، އެކަމަށް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.

ރައީސް ޑރ މުޢިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގެތެރެއިން/ ފޮޓޯ:ރައީސްއޮފީސް
ޓާރްޓޫ ސިޓީގައި ޤާއިމުކޮށްފައިވާ އެކިއެކި ޚިދުމަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ފައިދާހުރި ކަންކަން ދެނެގަތުމަށް މަޝްވަރާކުރެވުނެވެ. މިގޮތުން ދިވެހިރާއްޖޭގައި ތަރައްޤީކުރަން ރޭވިފައިވާ “ފްލޯޓިންގ ސިޓީ” މަޝްރޫޢުގައި އެހީތެރިވެދިނުމަށް ޓާރްޓޫ ސިޓީގެ މޭޔަރު އެއްބަސްވެވަޑައިގަތެވެ.
2001 ވަނަ އަހަރު އުފެއްދި ޓާރްޓޫ ޔުނިވަރސިޓީގެ ބަޔޯބޭންކަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވައި، ރާއްޖެއަށް ބޭނުންތެރި މަޢުލޫމާތު އެއްކުރެއްވިއެވެ. މި ދިރާސީ މަރުކަޒުގައި އެސްޓޯނިއާގެ 200,000 ރައްޔިތުންގެ މަޢުލޫމާތު ރައްކާކުރެވިފައިވެއެވެ. މިއީ ޔޫރަޕްގައި ޤައުމީ ފެންވަރުގައި ހިންގޭ އެންމެ ބޮޑު ބަޔޯބޭންކެވެ.
ތިމާވެށްޓާ ރައްޓެހި ސްމާޓް ސިޓީ ހައްލުތައް ހޯދުމުގައި ޓާރްޓޫ ސިޓީން ހޯދާފައިވާ ކާމިޔާބީތަކާއި، ޞިއްޙީ، ޑިޖިޓަލް، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ސައިންސް ފަދަ ދާއިރާތަކުން ދިވެހިން އެސްޓޯނިއާގައި ތަމްރީނުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާއެކު ބޭއްވުނު މުހިންމު ބައްދަލުވުމުގައި، ދެ ޤައުމުގެ ވެރިން ބައިނަލްއަޤްވާމީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުން އެއްބަސްވެވަޑައިގަތެވެ. އަދި ތަފާތު ދާއިރާތަކުން ތަޖުރިބާއާއި އިލްމު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެސްޓޯނިއާގެ އިސް ވަފުދުގައި ހިމެނިވަޑައިގަތީ، ތަޢުލީމާއި ދިރާސާގެ ވަޒީރު ކްރިސްޓީނާ ކެލަސް، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ވަޒީރު ޔޯކޯ އަލެންޑަރ، އަދި އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ އިސްވެރިޔާ ޓްރިން ޔޯސާރެއެވެ.
މީގެއިތުރުން، އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ ވަގުތީ އިސްވެރިޔާ އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީގެ ޑިރެކްޓަރ ޔޯނަސް ވަންޓޯ، އެސްޓޯނިއާގެ ރައީސްގެ ޑިޖިޓަލް ލަފާދޭ ކައުންސިލް، އަދި އެ ޤައުމުގެ ސިއްޙީ ވަޒީރު ރީނާ ސިކުޓް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓޯނިއާގެ ޕާލަމެންޓުގެ ރައީސް ލޯރީ ހުއްސާރްގެ އިތުރުން، އެ ޤައުމުގެ ޢަދުލު އިންސާފާއި ޑިޖިޓަލް ކަންކަމުގެ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް ތޮނީ ސްސާރް، އަދި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީެކްރެޓަރީ ޖެނެރަލް ޖޮނަތަން ސެވިއޮވް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާރްޓޫ ސިޓީގެ މޭޔަރު އަރްމަސް ކްލާސްއާއި، ޓާރްޓޫ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރްގެ އިތުރުން، އެސްޓޯނިއާ ބަޔޯބޭންކްގެ އިސްވެރިޔާ އަދި ޓާރްޓޫ ޔުނިވަރސިޓީގެ މޮލެކިއުލަރ އެންޑް ސެލް ބަޔޮލޮޖީ އިންސްޓިޓިއުޓްގެ ފާމަކޮޖީނޯމިކްސް ޕްރޮފެސަރ ލިލީ މިލާނީ ވެސް ހިމެނިވަޑައިގަތެވެ.
މީގެއިތުރުން، ޓާރްޓޫގައި ހުންނަ އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑރ. ކޭޓޫ ސަކްސްއާއި، ގްރީނަރޖީ ޑޭޓާ ސެންޓަރުގެ ސީއީއޯ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ ކެރްތް އެވެރްތް، އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކެލް ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި، ރައީސް ޑރ މުއިއްޒު ބައްދަލު ކުރެއްވި މުހިންމު ބޭބޭފުޅުން
- ރައީސް ޑރ. މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާއެކު ބޭއްވި މުހިންމު ބައްދަލުވުމުގައި ބައިނަލްއަޤްވާމީ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ޤައުމުގެ ވެރިން މި ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވަޑައިގަތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތަފާތު ދާއިރާތަކުން ތަޖުރިބާއާއި އިލްމު ހިއްސާކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
- ތަޢުލީމާއި ދިރާސާގެ ވަޒީރު ކްރިސްޓީނާ ކެލަސް
- މޫސުމަށް އަންނަ ބަދަލުތަކާބެހޭ ވަޒީރު ޔޯކޯ އަލެންޑަރ
- އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރުގެ އިސްވެރިޔާ ޓްރިން ޔޯސާރެ
- އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ ވަގުތީ އިސްވެރިޔާ އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީގެ ޑިރެކްޓަރ ޔޯނަސް ވަންޓޯ
- އެސްޓޯނިއާގެ ރައީސްގެ ޑިޖިޓަލް ލަފާދޭ ކައުންސިލް
- ސިއްޙީ ވަޒީރު ރީނާ ސިކުޓް
- އެސްޓޯނިއާގެ ޕާލަމެންޓުގެ ރައީސް ލޯރީ ހުއްސާރް
- ޢަދުލު އިންސާފާއި ޑިޖިޓަލް ކަންކަމުގެ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް ތޮނީ ސްސާރް
- ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް ޖޮނަތަން ސެވިއޮވް
- ޓާރްޓޫ ސިޓީގެ މޭޔަރު އަރްމަސް ކްލާސް
- ޓާރްޓޫ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރް
- އެސްޓޯނިއާ ބަޔޯބޭންކްގެ އިސްވެރިޔާ އަދި ޓާރްޓޫ ޔުނިވަރސިޓީގެ މޮލެކިއުލަރ އެންޑް ސެލް ބަޔޮލޮޖީ އިންސްޓިޓިއުޓްގެ ފާމަކޮޖީނޯމިކްސް ޕްރޮފެސަރ ލިލީ މިލާނީ
- އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑރ. ކޭޓޫ ސަކްސް
- ގްރީނަރޖީ ޑޭޓާ ސެންޓަރުގެ ސީއީއޯ އަދި ޗީފް ޑިވެލޮޕްމަންޓް އޮފިސަރ ކެރްތް އެވެރްތް
- ގްރީނަރޖީ ޑޭޓާ ސެންޓަރުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކެލް
މި ރަސްމީ ދަތުރުފުޅަށް ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 1,371,069.18 ރުފިޔާ (އެއް މިލިއަން ތިން ލައްކަ ހަތްދިހަ އެއް ހާސް ފަސްދޮޅަސް ނުވަ ރުފިޔާ އަދި އަށާރަ ލާރި) ޚަރަދުކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި އިލްމީ ގީ ގޮތުން ގުޅުން ބަދަހިކޮށް، އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރެވުނެވެ. އަދި ބޭއްވުނު ބައްދަލުވުންތަކާއި ހަރަކާތްތަކުގެ މުހިންމު ނުކުތާތައް ވަނީ ފާހަގަކުރެވިފައެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ

