ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025އަށް ޚާއްޞަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ. މި ޗެލެންޖް ފަށާފައިވަނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ބީސީސީން މަޢުލޫމާތު ދެއްވިގޮތުގައި މި ޗެލެންޖް ކުރިއަށްދާނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ. މި ޗެލެންޖުގައި ކޮންމެ މަހަކު އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ޗެލެންޖުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު ހޮވޭ ފަރާތަކަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި 15000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.
އިނާމް ލިބޭ ފަރާތްތައް ކަނޑައަޅާނީ އުފެއްދުންތެރިކަމަށާއި އަމިއްލަވަންތަކަން އަދި ކޮންޓެންޓަށާއި އެންމެ ގިނަ ލައިކް އަދި ޝެއަރ ލިބޭ ފަރާތްތައް ބެލުމަށްފަހުގައި ކަމަށް ބީސީސީން ވިދާޅުވިއެވެ. މި ޗެލެންޖުގައި ބައިވެރިކުރާ ވީޑިއޯތައް ވާންޖެހޭނީ ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިސްތިހާރުކޮށް މައުރަޒަށް ޒިޔާރަތްކުރުމަށް ބާރުއަޅާ ވީޑިއޯއަކަށެވެ.
ޗެލެންޖުގައި މާކްސް ދޭނެގޮތް:
• އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން: 40 އިންސައްތަ
• ވީޑިއޯގެ ކޮންޓެންޓް: 30 އިންސައްތަ
• އެންމެ އެންގޭޖްމަންޓް ގިނަ ވީޑިއޯ (ލައިކް، ޝެއަރ އަދި ކޮމެންޓް): 30 އިންސައްތަ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބާއްވާ ޚާއްޞަ މައުރަޒެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ވާދަވެރި ގޮތެއްގައި ބާއްވާ މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ދާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.