އިސްލާމިކް މިނިސްޓްރީން ވަނީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން “މަޖާސިލް ރަމަޟާން” ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ.
މި ދަރުސްތަކަކީ މަޝްހޫރު އިލްމުވެރިޔާ އިބްނު އުތައިމީން ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ދަރުސްތަކެކެވެ. މި ދަރުސްތަކުގައި ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެނގެން ޖެހޭ މުހިއްމު މަޢުލޫމާތުތައް ހިމެނޭނެއެވެ.
ދަރުސްތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވޭނީ ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ރޯދައިގެ ޙުކުމްތަކާއި، ރޯދައިގެ މާތްކަމާއި، އަދި ރަމަޟާން މަހުގެ ރޭއަޅުކަމުގެ ޙުކުމްތަކުގެ މައްޗަށެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައެވެ. އަދި މި ދަރުސްތައް ކުރިއަށް ގެންދެވޭނީ މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއްގައި، އިސްލާމިކް މިނިސްޓްރީއާއި ކައުންސިލްތަކާ ގުޅިގެންނެވެ.
މި ދަރުސްތަކަކީ ރަމަޟާން މަހުގެ އަޅުކަންތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތު ލިބިގަތުމުގެ ރަނގަޅު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.

