ފިޔޯރީ ކައުންސިލުން 282,355.17 ރުފިޔާ ޚަރަދުކޮށްގެން ފިޔޯރީ ސްކޫލްގެ 11 ކްލާސްރޫމްގައި އޭސީ ހަރުކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 22 އިންޑޯ އައުޓްޑޯ ޔުނިޓް ހަރުކުރެވިފައިވާއިރު، މި މަޝްރޫޢަށް ބޭނުންވާ އޭސީތައް ގަތުމާއި، ކަރަންޓް ވައިރިންގ ރަނގަޅުކުރުމާއި، އޭސީ އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ވަނީ ކައުންސިލްގެ އާމްދަނީން ކުރެވިފައެވެ.
ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވި ގޮތުގައި މިއީ ފިޔޯރީ ސްކޫލްގެ ދަރިވަރުންނަށް ކައުންސިލުން ދެއްވި ހަދިޔާއެއް ކަމަށެވެ. އަދި މީގެ އެންމެ ބޮޑު އެއް މަގްސަދަކީ ދަރިވަރުންގެ ކިޔެވުމުގެ މާހައުލު ހިތްފަސޭހަ މާހައުލަކަށް ހެދުންކަމަށް ވެސް ރައީސް ހާމަކުރައްވާފައިވެއެވެ.
އިއްޔެ ބޭއްވުނު އިންޓަރ ހައުސް ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އޭސީތަކުގެ ރިމޯޓްތައް ވަނީ ސްކޫލާ ހަވާލުކުރެވިފައެވެ. ރައީސް ވިދާޅުވި ގޮތުގައި މިއަދުން ފެށިގެން މި އޭސީތައް ބޭނުންކުރަން ފެށޭނެއެވެ.
ފިޔޯރީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ރަށުގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. އަދި މި މަޝްރޫޢަށް އަސްލީ ސިފަ ޖެހުމަކީ ފިޔޯރީގެ ދަރިވަރުންނާއި ބެލެނިވެރިން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ.