ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސަރަޙައްދުގައި ބެހުމަށް ކަނޑައެޅި އަދަދަށް ބަހާ ހުސްވެއްޖެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
1446 ވަނަ އަހަރަށް ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި މި ކަދުރު ރާއްޖެއަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ރަމަޟާންމަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ ކަންކަން ކުރިއަށްގެންދެވުނު ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ކަދުރު ޕެކެޓުގެ ޖުމްލަ އަދަދަކީ 25،000 ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒު މެދުވެރިކޮށެވެ. އަދި ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ރަށު އަދި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
ވުޒާރާއިން ހާމަކުރެއްވިގޮތުގައި، ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހަމުންދަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުގެ މަގުންނެވެ.
މީގެއިތުރުން، ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމްތައް އަދި ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް މިފަހަރު ކަދުރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ޝައުގުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަން ނޯޓުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިޢުލާނުކުރައްވާފައެވެ.