ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ 15،500 ރުފިޔާގެ މުސާރައަކަށް ކޮންސްޓަބަލްގެ މަޤާމަށް މީހުން ހޯދުމަށް ފުރުސަތު ހުޅުވާލައިފައެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވަކި އަދަދަކަށް ނޫން ކަމަށް ފުލުހުން މިއަދު ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންގެ އިއުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލެވޭނީ ގުރޭޑް 10 ނިންމާފައިވާ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި ފިރިހެނުންނަށް ކުރުވެގެން 5 ފޫޓު 3 އިންޗި އަދި އަންހެނުންނަށް ކުރުވެގެން 5 ފޫޓުގެ އިސްކޮޅެއް ހުރުން ލާޒިމްކުރެއެވެ.
މި މަޤާމަށް ހޮވޭ ފަރާތްތަކަށް އަންނަ މާރިޗު މަހުން ފެށިގެން މުސާރަ އިތުރަށް ބޮޑުވާނެ ކަމަށް އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑަށް ބަލާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ އޭގެ ވިޔަފާރިކުރުން އަދި ހިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 20 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ފުލުހުންގެ އިދާރާއިން ވަނީ އަންގާފައެވެ.