ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވޭ ކަމަށް ބުނެ، އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭއިން ފާހަގަކުރި ގޮތުގައި، ކޮންމެ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމު ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދެއެވެ. އަދި މި ކުނިތައް ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެއިތުރުން، މިހާރަކަށް އައިސް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
މިކަމުގެ ސަބަބުން މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ބޮޑެތި ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އީޕީއޭއިން ވަނީ ހާމަކޮށްފައެެވެ.
އީޕީއޭއިން އެދިފައިވަނީ ރޯދަމަހަށް ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި، ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މިގޮތުން ރަށްރަށުގައިނަމަ، އެރަށެއްގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތަކާއި، އަދި ސިޓީތަކުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ގުޅައިގެން މިކަން ހަމަޖެއްސުމަށެވެ.
އީޕީއޭއިން ހަނދާންކޮށްދީފައިވާ ގޮތުގައި، ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް ކުނި ގެންގުޅުމާއި، އެއްތަނުން އަނެއްތަނަށް އުފުލުމާއި، ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ. އަދި މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

