ރާއްޖޭގައި ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކޮށް، ފުރަތަމަ ފަހަރަށް “ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު” ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށްފައެވެ.
ސިއްޙީ ގިނަ މައްސަލަތަކެއް މެދުވެރިވާ ސިނާޢަތެއްގެ ގޮތުގައި ފައިބަރުގެ މަސައްކަތް ފާހަގަކުރެވިފައިވާއިރު، މި މަސައްކަތްކުރާ ރަށްރަށުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި ގަވާއިދު އެކުލަވާލާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މި ގަވާއިދުގައި ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަށަވަރުކުރަންޖެހޭ ކަންކަމާއި، މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ޤާއިމުކުރަންޖެހޭ ކަންކަން ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.
މި ގަވާއިދުގެ ދަށުން ފައިބަރުގެ މަސައްކަތްކުރާ ތަންތަނަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކުރުމާއެކު، އެފަދަ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ކެއިންބުއިން ވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން، މި ސަރަހައްދުތަކުގައި އިންޒާރުގެ އެކި ބާވަތްތަކުގެ ބޯޑުތައް ބެހެއްޓުން ވަނީ މި ގަވާއިދުން ލާޒިމްކޮށްފައެވެ.
ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން، މަސައްކަތުގައި ހަރަކާތްތެރިވާންވާނީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކޮށްގެންކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ގަވާއިދު (18-އާރ/2025) ދިވެހި ސަރުކާރުގެ ގެޒެޓުގައި 28 ޖަނަވަރީ 2025 ގައި ވަނީ ޝާއިޢުކޮށްފައެވެ.