ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިމާރާތްކޮށްފައިވާ އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒު، މިއަދު ވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
“އިސްރަށްވެހިންގެ ނާދީ” ގެ ނަމުން މި މަރުކަޒު އިމާރާތްކޮށްފައިވަނީ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މިނިވަން އަދި އެކުވެރި މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
އެޗްޑީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ތަރައްޤީކޮށްފައިވާ މި މަރުކަޒަކީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޚާއްޞަކޮށްފައިވާ ތަނެކެވެ. މި މަރުކަޒު މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް އަލީއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އެފަރާތްތަކަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މިކަމުގެ ހެއްކެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ކުރީ ސަފުގައި އިސްރަށްވެހިން ބައިވެރިވެ ވަޑައިގަންނަވާއިރު، ވަޒީރުންވެސް ތިއްބަވަނީ އިސްރަށްވެހިންގެ ފަހަތު ގޮނޑި ބަރީގައެވެ.