މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ދިވެހިންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ މީހަކަށް ދޫކުރާ ޑޮލަރުގެ އަދަދު ދެގުނަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިކަން އިޢުލާން ކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ބަޔާނުގައި ރައީސް ވިދާޅުވީ، މިހާރު ދޫކުރަމުންދާ 500 ޑޮލަރު 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.
“ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބަދަލު ގެނެވެނީ މިއަހަރު ފެށުނު އިރު ޢަމަލުކުރަން ފެށި ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ މި ޤާނޫނު ތަންފީޒުވާން ފެށުމުން ރަސްމީ ރިޒާވަށް އޭގެ އަސަރު އަވަސް މުސްތަޤުބަލެއްގައި ކުރާނެ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރު 590.5 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، 2024 ވަނަ އަހަރުގެ ނިޔަލަށް 673 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓްކުރުމަށް ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ބަދަލުތަކަކީ ބޭރުފައިސާގެ ޤާނޫނު ތަންފީޒުވަމުންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަންކަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

