މިއަހަރު މިސްކިތްތައް ބިނާ ކުރުމުގެ 35 މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ 35 މަޝްރޫއެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އަލުން އުފައްދާފައިވާކަން ފާހަގަކުރެއްވި ރައީސް، “ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868،953.00 ރުފިޔާ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ހަރަދު ކުރެވިފައި” ކަމަށް ވިދާޅުވިއެވެ.
ފާއިތުވި އަހަރު އިސްލާމްދީން ހިމާޔަތްކޮށް، ދިވެހިންގެ އަޤީދާ ވަރުގަދަކޮށް، ދީނަށް ލޯބިޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން “ރިސާލަތު” ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގުނު ކަމަށާއި، މި އަހަރުވެސް އެ ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިޔަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ނަމާދަކީ ހުރިހާ މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަން ފާހަގަކުރައްވަމުން، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި “ނަމާދު މަތިވެރިކުރުން” މި ނަމުގައި އައު މަޝްރޫޢެއް ފަށާފައިވާ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

