އެއްބައިވަންތަކަމާއި، އަޚްވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމަށް މިއަދު ހުކުރު ޚުޠުބާގައި ބުނެފިއެވެ. އަދި މިކަމަށް އެޅޭ ހުރަހެއްގެ ގޮތުގައި އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މަނާކުރައްވާފައިވާ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
މިއަދު މުޅި ރާއްޖެއަށް އިއްވި ޚުޠުބާގައި މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީ ނަމަ، ނަސްރާއި ކާމިޔާބީއާ ހަމަޔަށް ވާސިލުވުމީ އެ މުޖްތަމަޢަށް އެކަށީގެންވާ ކަމެއް ނޫންކަމަށް ހާމަކޮށްފައިވެއެވެ.
ތާރީޚުގެ ފަތްފުށްތަކުން މި ކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަ ހުއްޓެވެ. އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އެއަށްފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުންނެވެ. އެހެންކަމުން، ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ މި ދެންނެވި ސަބަބުތަކާ ހުރެއެވެ. ޚުޠުބާގައި އިއްވަވާފައިވެއެވެ.
ޙުޠުބާގައި އިތުރަށް ބުނެފައިވަނީ، އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށް ކަމަށެވެ. އަދި ހަމައެހެންމެ، މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމައުއަށް ކަމެވެ.
އެހެންކަމުން، ﷲއާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާށެވެ! ކޮންމެ މުސްލިމަކަށް ވެސް އެ މުސްލިމެއްގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ދޭށެވެ! ތިމާގެ ނަފްސަށް އެދޭ ކަންތައް ތިމާގެ މުސްލިމް އަޚާއަށް ވެސް އެދޭށެވެ! އަނިޔާވެރިކަމުގެ ނުބައި ޢަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއިއަތް ގުޅުވައި މަސައްކަތްކުރާށެވެ! ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމާއި މި އުންމަތުގެ މިސާލަކީ އެއް ބިނާއެއްގެ މިސާލު ކަމަށް ޚުޠުބާގައި ސިފަކުރައްވާފައިވެއެވެ.
މިއަދުގެ ޚުޠުބާ ނިންމާލެވިފައިވަނީ، މާތްﷲ ލޮބުވެތި ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުންނެވެ.

