ގްރެނާޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ގަވަރނަރ-ޖެނެރަލް ހަރ އެކްސެލެންސީ ޑޭމް ސެސީލް ލަ ގްރެނާޑް، (ޖީ.ސީ.އެމް.ޖީ، އޯ.ބީ.އީ) އާއި ގްރެނާޑާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޑިކޮން މިޗެލް، އަދި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ގްރެނާޑާގެ މިނިވަން ދުވަސް ކަމުގައިވާއިރު، މި އުފާވެރި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ގްރެނާޑާގެ ގަވަރނަރ-ޖެނެރަލް އަދި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގްރެނާޑާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.