ދުނިޔޭގެ އެންމެ މަޤްބޫލު ގޭމިންގ ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމް ކަމުގައިވާ ޕްލޭސްޓޭޝަންގެ އޮންލައިން ނެޓްވޯކް (ޕީއެސްއެން) ޑައުންވެ، 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެގެން ގޮސްފިއެވެ. މި ކުއްލި މެދުކެނޑުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމަރުންގެ ފަރާތުން ނުތަނަވަސްކަން ދަނީ ފާޅުވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ދިވެހި ގޭމަރުންގެ ފަރާތުންވެސް ބޮޑެތި ކަންބޮޑުވުންތައް ފާޅުކުވަމުންދާއިރު، “އަޅުގަނޑުމެން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ގަނެފައި ހުރި ގޭމްތައް ނުކުޅެވި މިހެން ތިބެންޖެހުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް” ކަމުގައި ގިނަ ގޭމަރުން ޝަކުވާކުރަމުންދެއެވެ.
ޚާއްޞަކޮށް ކުރިއަށް އޮތް ހަފްތާ ބަންދުގައި ގޭމް ކުޅުމަށް ރާވައިގެން ތިބި ގިނަ ބަޔަކު މި ހާދިސާއާ ގުޅިގެން ހިތްދަތިކަން ފާޅުކުރަމުންދާއިރު، މައްސަލަ ހައްލުކުރުމަށް ކުންފުނިން މަސައްކަތް ކުރަމުންދާކަން އަންގައިދޭ ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި މި ދަތި ހާލަތަށް މައާފަށް އެދި، މައްސަލައިގެ އަދާހަމަ މަޢުލޫމާތު ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ޕްލޭސްޓޭޝަން ވަނީ ނުހަނު މަޤްބޫލުވެފައެވެ. ޚާއްޞަކޮށް ބަންދު ދުވަސްތަކުގައި މުނިފޫހިފިލުވުމުގެ އެންމެ މުހިންމު އެއް ވަސީލަތްކަމުގައި ޕްލޭސްޓޭޝަން ވެފައިވާއިރު، މި ކުއްލި މެދުކެނޑުމަކީ ގިނަ ބަޔަކަށް ލިބުނު ނުހަނު ބޮޑު ހިތްދަތިކަމެކެވެ. މިއީ އެކަައުންޓް ހެކް ވުމުގެ މައްސަލައަކަށް ވެދާނެތީ، މި މައްސަލައާ ގުޅިގެން އެކައުންޓުގެ ޕާސްވޯޑް ބަދަލުކުރުމަށް ބައެއް ފަންނާނުން ވަނީ ލަފާއަރުވާފައެވެ.
މި މައްސަލަ އަވަހަށް ހައްލުވެ، ގޭމަރުންނަށް އަލުން ޚިދުމަތް ލިބޭނެކަމުގެ އުންމީދު ކުރެވެއެވެ. ނަމަވެސް މިހާތަނަށް މައްސަލަ ހައްލުވާނެ ވަކި ވަގުތެއް ކަނޑައެޅިގެން އިޢުލާނުކޮށްފައެއް ނުވެއެވެ.