ސަރުކާރު އޮތީ ރަނގަޅަށް، ހަރުދަނާވެ ހިންގުންތެރިވާންވީ މުވައްސަސާތައް ހިންގަން ތިބި ވެރިންކަމަށް ގއ ވިލިނގިލީ ކައުންސިލްގެ ރައީސް މުހައްމަދު ވިޝާލް ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށްފަހު މާލެ ގެނައުން ލަސްވެ އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލާގައި އެ ރަށު މީހުން ވަނީ އެކަމުގެ ހިތާމަ ފާޅުކޮށް ކަންބޮޑުވުންތައް ހިފައިގެން، ކަޅުހެދުމުގައި މިއަދު އިހުތިޖާޖަށް ނުކުމެފައެވެ.
ހަވީރު 4:30 ގައި ހޮސްޕިޓަލު ކުރިމަތިން ފެށުނު އިހުތިޖާޖުގައި ވާހަކަދައްކަމުން ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް ވިދާޅުވީ، ސަރުކާރު އޮތީ ރަނގަޅަށް ކަމަށާއި، ހަރުދަނާވެ ހިންގުންތެރިވާންވީ މުވައްސަސާތައް ހިންގަން ތިބި ވެރިން ކަމަށެވެ. އޭނާ ވިދާޅުވީ މި އިހުތިޖާޖަކީ އެއްވެސް ހާލެއްގައި ސިޔާސީ އަޑުއުފުލުމެއް ނޫން ކަމަށާއި، ސަރުކާރާ ދެކޮޅަށް ކުރާ އިހުތިޖާޖެއްވެސް ނޫން ކަމަށެވެ. މިއީ ގއ. އަތޮޅު ހޮސްޕިޓަލުގެ ކަންކަން ރަނގަޅު ކުރުމަށް ގޮވާލުމަށް އެއްވި ސުލްހަވެރި އެއްވުމެއް ކަމަށް ކައުންސިލް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން ވަނީ “އަތޮޅު ތެރޭ ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ މީތޯ” ޖަހާފައިވާ ބެނާއެއް ހިފައިގެން ބޮޑު މަގުގައި ހިނގާފައެވެ. އަދި ދެމައިންގެ މަރުގެ މައްސަލާގައި އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅައި އެ މަރަށް އިންސާފު ހޯދަންވެސް ގޮވާލާފައިވެއެވެ.
ކައުންސިލް ރައީސް ވިޝާލް އިތުރަށް ވިދާޅުވީ، އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވާ ޑޮކްޓަރުންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށާއި، އާސަންދައިގެ މައްސަލަތަކުގައި، ޚާއްޞަކޮށް ރާއްޖެތެރޭގެ ހޮސްޕިޓަލްތަކުން ހުށަހަޅާ ރިކުއެސްޓްތަކަށް އިސްކަން ދޭންޖެހޭ ކަމަށެވެ.
“އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ މުހިންމު ދެތިން ކަމެއް އެބައޮތް. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ އަތޮޅު ހޮސްޕިޓަލްތަކަށް ފޮނުވާ ޑޮކްޓަރުންގެ ފެންވަރު މަތިކުރަން ޖެހޭކަން. ފެންވަރު ރަނގަޅު ޑޮކްޓަރުން ރާއްޖެތެރޭގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާނަމަ، ރެފަރަލް ކޭސްތަކަށް ދައުލަތުން ކުރަންޖެހޭ ޚަރަދު މަދުވެގެންދާނެ. އަދި ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް އެމީހުންގެ އަމިއްލަ ރަށުން ލިބޭނެ މަގު ތަނަވަސްވެގެންދާނެ.
އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ގޮވާލަން ބޭނުންވަނީ، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި ފެންވަރު ރަނގަޅު ޑޮކްޓަރުން ތިބެންޖެހޭކަމަށް. މިކަމުގެ ސަބަބުން ސީދާ ދައުލަތަށްވެސް ފައިދާތަކެއް ކުރާނެ. ދެވަނަ ކަމަކަށް، އާސަންދައިގެ މައްސަލަތަކުގައި، ޚާއްޞަކޮށް ރާއްޖެތެރޭގެ ހޮސްޕިޓަލްތަކުން ހުށަހަޅާ ރިކުއެސްޓްތަކަށް އިސްކަން ދޭންޖެހޭ. މިހާރު އޮންނަ ނިޒާމު އިޞްލާޙުކުރަންޖެހޭ. ހޮސްޕިޓަލްތަކުން ކުއްލި ބޭނުމެއްގެ ގޮތުގައި ހުށަހަޅާ ރިކުއެސްޓްތަކަކީ ދޮގު މަޢުލޫމާތު ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންކަމުން، މިހާރު އޮންނަ އާންމު އުސޫލުން ބޭރުން ނަމަވެސް، މިފަދަ ރިކުއެސްޓްތަކަށް އަވަސް ޙައްލެއް ލިބޭނެ ނިޒާމެއް ގާއިމުކުރަންޖެހޭ.” ވިޝާލް ވިދާޅުވިއެވެ.
“އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތައް ރަނގަޅުކުރުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައި,” ވިޝާލް ވިދާޅުވީ ރައީސް ޑރ މުއިއްޒު އެފަދައިން ހަރުދަނާކޮށް ކަންތައް ކުރައްވާފައިވާއިރު މުވައްސަސާތައް ހިންގަން ތިއްބަވާ އިސްފަރާތްތަކުން ކަންކަމާމެދު ހަރުދަނާވުން މުހިންމު ކަމަށެވެ.
ކައުންސިލް ރައީސް ވިޝާލް އިތުރަށް ވިދާޅުވީ، “އަޅުގަނޑުމެން މި އެދެނީ ވަރަށް ސާދާ ކަމެއް. އެއީ މިހާރު މި ދިމާވެފައިވާ މައްސަލަތައް ރަނގަޅަށް ބަލައި، ތަޙުޤީޤުކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.”
އޭނާ އިތުރަށް ވިދާޅުވީ، “ޙަޤީޤަތުގައި ގިނަ ހާދިސާތައް ހިނގަނީ މުވައްސަސާތަކުގެ ހިންގުންތެރިކަން ހުންނަ ގޮތުން. މިކަންކަން އެބަޖެހޭ ރަނގަޅުކޮށް، ހަރުދަނާކޮށް، އަދި އައު ގޮތްތަކެއް ރާވައިގެން ކުރިއަށް ގެންދަން.”
ގއ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު ހަލީލް ވިދާޅުވީ ހޮސްޕިޓަލުގެ އިހުމާލުން އެތައް ބަޔަކަށް އެކަށީގެންވާ ވަރުގެ ފަރުވާއެއް ނުލިބި ނިޔާވެފައިވާ ކަމަށެވެ. އަތޮޅުތެރޭގެ ހިދުމަތް ރަނގަޅު ކުރުމަށް ރަނގަޅު ފެންވަރުގެ ޑޮކްޓަރެއް ލިބުން ކޮންމެހެންވެސް މުހިންމު ކަމަށާއި އެހެންކަމުން ރައީސް ޑރ މުއިއްޒަށް ދަންނަވަނީ އެކަން ހަމަޖައްސަވައިދެއްވުމަށް އެދި ކަމަށްވެސް ހަލީލު ވަނީ ވިދާޅުވެފައެވެ.
ވިލިނގިލީ ކައުންސިލުގެ ޕީއެންސީ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މި އިހުތިޖާޖުގެ މައިގަނޑު ބޭނުމަކީ ހޮސްޕިޓަލާ ހަވާލުވެގެން ތިބި މީހުން ޒިންމާދާރު ކުރުވުން ކަމަށެވެ.
ވިލިނގިލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮސްޕިޓަލަކީ އާއްމުން އިތުބާރުކުރާ އަދި އެ މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް، ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމާ ހަމައިން ފެށިގެން ދެވޭ ފަރުވާގެ އުސޫލާއި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންނާމެދު އަމަލު ބަހައްޓާ ގޮތާއި އަދި ފަރުވާއަށް ފޮނުވަންޖެހޭ މީހުންގެ ދަތުރުފަތުރާއި ރިފަރަލް ޕްރޮސީޖާގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ވަކި ވަކިން ބަލައި މިހާރު އަމަލުކުރާ ގޮތް މުރާޖައާކޮށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށެވެ.
ޝިއުނާ އާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައެއްގެ ޖިނާއީ ތަހުގީގު ފުލުހުން ކުރަމުންދާ ކަމަށާއި އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހު ވަނީ ބުނެފައެވެ.
ކައުންސިލުން ކުރިންވެސް ޔަގީންކަން ދިން ގޮތަށް މި އިހުތިޖާޖު ކުރިއަށް ދިޔައީ އަމާން އޮމާން އަޑުއުފުލުމެއްގެ ގޮތުގައެވެ. އިހުތިޖާޖު ނިމިގެން ދިޔައީ، ހޮސްޕިޓަލުގައި ހުރި ކަންތައްތައް ރަނގަޅުކުރުމަށް ގޮވާލާ އިހުތިޖާޖަކީ ހޮސްޕިޓަލާމެދު އާންމުންގެ އިތުބާރު އަނބުރާ ލިބޭނެ ގޮތަށް ކަންތައް ކުރުމަށް ގޮވާލާ، އެކުވެރިކަމާއި ސުލްހަވެރިކަމާއެކު ދިމާވެފައިވާ ބޮޑު މައްސަލައަށް ހައްލު ހޯދުމަށް އެއްވާ އެއްވުމެއްގެ ގޮތުގައެވެެ.
މި އިހުތިޖާޖު ފެށިގެން ގޮސް ނިމުމާ ހަމައަށް ދިޔައީ ވަރަށްވެސް ހަމަޖެހޭ އަމާން އޮމާން ގޮތެއްގައި ސުލްހަވެރި ކަމާ އެކުގައެވެ.

