ޤައުމީ ވައިގެ ދަތުރުފަތުރުގެ ކުންފުނި މޯލްޑިވިއަން އިން މެލޭޝިއާ އަދި ތައިލެންޑަށް އެ ކުންފުނީގެ ދަތުރުތައް ފެށުމަށް މަގުފަހިކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި ދެ ޤައުމަކީ ދިވެހިން ގިނައިން ދަތުރުކުރާ މަންޒިލުތަކަކަށް ވުމާއެކު، މި ދެ މަންޒިލަށް ދަތުރުތައް ފެށުމުގެ ފުރުސަތު ދިރާސާކުރަމުންދާ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
“މިހާރު ބަލަމުން މިދަނީ މި ދެ މަންޒިލަށް ސީޒަނަލް ފްލައިޓްތަކެއް އެޅުމުގެ ފުރުސަތު. މިހާރުވެސް ގިނަ އެއަރލައިންތަކުން މި ދެ ޤައުމަށް ދަތުރުތައް ކުރަމުންދާތީ، އެކަން ވެސް ރިއާޔަތްކުރަން ޖެހޭ،” މޯލްޑިވިއަންގެ އޮފިޝަލަކު ހާމަކޮށްފައިވެއެވެ.
މި މަސައްކަތުގެ ތެރެއިން، ތައިލެންޑްގެ ބެންކޮކް އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) ގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވިއަން އިން ވަނީ އިއުލާނު ކޮށްފައެވެ. އައިލެންޑް އޭވިއޭޝަންއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޖީއެސްއޭގެ ޚިދުމަތްދޭ ކުންފުނިން ރާއްޖޭގެ ޓުއަރ އޮޕަރޭޓަރެއް ތަމްސީލުކުރުން މަނާ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މޯލްޑިވިއަން އިން މިހާރުވެސް އިންޑިއާގެ ދެ މަންޒިލަކާއި ޗައިނާގެ ދެ މަންޒިލަކަށް ދަތުރުތައް ކުރަމުންދެ އެވެ. އަދި މި ދަތުރުތަކަށް އޭ330 މަރުކާގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ބޭނުންކުރަމުންދެ އެވެ. މި ބޯޓު ގެނައީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އަދި އިތުރު އެއާބަސް އޭ330-200 މަރުކާގެ ބޯޓެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ވަނީ އިއުލާނުކޮށްފައެވެ.