ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކޮށް، އެއާޕޯޓާއި ގދ. ތިނަދޫ އެއްގަމު މަގުން ގުޅާލެވޭނެ ކޯޒްވޭ ބްރިޖެއް ގާއިމްކުރުމަށް ޗައިނާގެ ތިން ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެއެވެ. މި މަޝްރޫއުއަށް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް މިހާރު ވަނީ އިކޮނޮމިކް ކައުންސިލަށް ފޮނުވާފައެވެ.
” ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް ތިނަދޫ އާއި ކާޑެއްދޫ ދެމެދު ބުރިޖެއް އަޅާގޮތަށް، ޗައިނާގެ ތިން ކުންފުންޏަކުން އެބަހުރި މިކަމާ ޝައުގުވެރިކަން ފާޅުކޮށްފައި” މެންބަރު ސައުދުﷲ ވިދާޅުވިއެވެ.
1993 ވަނަ އަހަރު ހުޅުވުނު ކާޑެއްދޫ އެއާޕޯޓަކީ ރާއްޖޭގައި ފުރަތަމަ ހުޅުވުނު ސަރަހައްދީ 5 އެއާޕޯޓުގެ ތެރޭގައި ހިމެނޭ އެއާޕޯޓެކެވެ. މިހާރު މި އެއާޕޯޓް ހިންގަމުން އަންނަނީ ވިލާ އެއާއިންނެވެ. ނަމަވެސް އެއާޕޯޓުގައި ހުރި އެކި މައްސަލަތަކާ ގުޅިގެން، ޚާއްޞަކޮށް ޓްރޯލީތަކުގެ މައްސަލަ ފަދަ ކަންކަމުގައި ރައްޔިތުން ދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ.
ސައުދު ވިދާޅުވިގޮތުގައި އެންމެ ފަހުން ރައީސް ދެއްވި ތަގުރީރުގައިވެސް ހާމަކުރެއްވީ ކާޑެއްދޫ ތަރައްގީ ކުރާ ވާހަކަ ކަމަށާއި، ގާސިމު އެއާޕޯޓް ދޫކޮށްލުމުގެ ވިސްނުމާއެކު އެއާޕޯޓު ދޫކޮށްލައިފިނަމަ މި ސަރުކާރުން އެތަން ތަރައްގީ ކުރާނެކަމަށެވެ.
މީގެ އިތުރުން، އެއާޕޯޓުގެ ފާހަނާތައް ވެސް ވަރަށް “މުޑުދާރު” ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސައުދު ވިދާޅުވީ، ބަލި ދެމީހަކު މާލެ ގެންދަން އެއާޕޯޓަށް ގެންދިއުމަށް ފަހު ބައިތިއްބާފައި ވަނީ “އަލިކަމެއް ނެތް” ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ.
މި މަޝްރޫއު ފެށުމުން، ހުވަދު އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ސަރަހައްދީ ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

