ސަޢުދީ ޢަރަބިއްޔާގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ގޮވާލައި، ނަފްރަތު އުފެއްދުމުގެ މަޤްޞަދުގައި ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، “ސަޢުދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ބަލައި ނުގަންނާނެ” ކަމަށެވެ. އަދި މިފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުތަކާ މުޅިން ޚިލާފު ވާހަކަތަކެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ، 1967 ގެ ބޯޑަރުތަކަށް ތަބާވުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ވަނީ ތަކުރާރުކޮށްފައެވެ. އަދި މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ތެދުވުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ.
ނަތަންޔާހޫ މި ވާހަކަތައް ދެއްކެވީ ޔަހޫދީންގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައެވެ. އިންޓަވިއު ކުރިއަށްދަނިކޮށް، އޭނާއަށް އަނގައޮޅި ފަލަސްޠީނުގެ ދައުލަތޭ ބުނަން އުޅުމުގެ ތެރޭގައި ބުނެވުނީ ސަޢުދީ ދައުލަތެވެ. މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާއިން ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ ބަސްމަގަކީ ސަރަހައްދުގައި ސުލްހަ ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.