ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، “ވޯލްޑް ގަވަމަންޓް ސަމިޓް 2025” ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަނީ ފުރާވަޑައިގެންފައެވެ.
މި މަހުގެ 11 އިން 13 އަށް ޔޫއޭއީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓްގައި، މޫސުމީ ބަދަލުތަކާ ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އެމަނިކުފާނު ސަމިޓްގެ އެކި ބައިވެރިންނާއެކު ވަކިވަކި ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
“ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް” މި ޝިޢާރުގެ ދަށުން ބޭއްވޭ މި ސަމިޓްގެ މައިގަނޑު މަޤްޞަދަކީ ސަރަޙައްދީ ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އަދި ވަކިވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ.
ފާއިތުވި އަހަރު ބޭއްވުނު “ވޯލްޑް ގަވަމަންޓް ސަމިޓް 2024” ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ކުރިމަގުގެ ތަސައްވުރާއި، އެ ތަސައްވުރުގައި ދެމެހެއްޓެނިވި ތަރައްޤީގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މި އަހަރުގެ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަތުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ހާޒިރީ ބަލައިގަނެވި، ޚާއްޞަކޮށް މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި ރާއްޖޭގެ އަޑު އިތުރަށް އުފުލިގެންދާނެ ފުރުޞަތެއް ކަމުގައި ބެލެވެއެވެ.