ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯގެ ފުރަތަމަ ލުނބޯ ޝިޕްމެންޓް މިހާރު ރާއްޖެ ގެނެސް، ބާޒާރުން ލުނބޯގެ އަގު ހެޔޮވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން މިރޭ ދީފިއެވެ.
މިވަގުތު ރާއްޖޭގެ ބާޒާރުގައި ލުނބޯ ލިބެން ދަތިވެ، އަގު މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައި އެސްޓީއޯއިން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިންނެވެ.
އެސްޓީއޯއިން މައުލޫމާތު ދިންގޮތުގައި، ލުނބޯގެ ޝިޕްމަންޓް ރާއްޖެ އައުމާއެކު ބާޒާރުގައި ލުނބޯގެ އަގު ތިރިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ގެންނަ ތަކެތި
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ ހަތަރު ބާވަތެއްގެ ކާބޯތަކެތި އެތެރެކުރުމަށް ހަމަޖައްސާފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ހިމެނެއެވެ. އަދި ތާޒާ ތަރުކާރީ އާއި މޭވާގެ ގޮތުގައި ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ.
މީގެއިތުރުން ޕްރޮސެސްޑް ކާނާގެ ގޮތުގައި ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް އަދި ގެރިކިރު ދަޅު އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

