އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުއްވުން ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށް މިދިޔަ އަހަރު ގެނެވުނު އިޞްލާޙާ އެއްގޮތަށް އަމަލުކުރެވޭ ފުރަތަމަ ފަހަރެވެ. އާ އިޞްލާޙުގެ ދަށުން، އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް މި ދެ މަޤާމަށް ބޭފުޅުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.
މުޙައްމަދު ޒާހިދު އާއި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައްޔަން ކުރެވިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. މިހާރު އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވީ ފަސް މެންބަރުންނެވެ. އެއީ ޑރ. މުޙައްމަދު ޒާހިރު، ޙަސަން ޒަކަރިއްޔާ، ޢަބްދުލްހަސީބް އިސްމާޢީލް، މުޙައްމަދު ޒާހިދު އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ.
އިލެކްޝަންސް ކޮމިޝަނަކީ 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ ދަށުން އުފެދުނު މިނިވަން މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންކަން ބެލެހެއްޓުމާއި، ސިޔާސީ ޕާޓީތައް ރަޖިސްޓަރީކޮށް ބެލެހެއްޓުން ހިމެނެއެވެ.
މި މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައި، ވޯޓަށް އަހައި ފާސްކުރުމުން، އިލެކްޝަންސް ކޮމިޝަނުގެ އައު ރައީސާއި ނައިބު ރައީސް ރަސްމީކޮށް އައްޔަންކުރެވޭނެއެވެ.