ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް މާރުކުރުން ލާޒިމްކުރާ “ބޭރު ފައިސާގެ ގަވާއިދު” އަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ރަސްމީ ރިޒާވަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
މިދިޔަ އަހަރު ތަންފީޒުކުރަން ފެށި މި ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކޮންމެ މަހެއްގެ 28 ވަނަ ދުވަހުގެ ކުރިން، އެތަނަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ވަކި މިންވަރެއްގެ ޑޮލަރު މާރުކުރަން ޖެހެއެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހުގެ ނިޔަލަށް ރިސޯޓުތަކުން 50 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ. މިއީ އެމްއެމްއޭއިން ކުރިން ލަފާކުރި މިންވަރަށްވުރެ 10 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި މި މުއްދަތުގައި 90 އިންސައްތަ ރިސޯޓުތަކުން ވަނީ ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައެވެ. މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވަށް ވަނީ ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައެވެ. “ޑިސެމްބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރި މިންވަރަށްވުރެ 5 އިންސައްތަ ޖެނުއަރީ މަހުގެ ނިޔަލަށް އިތުރުވެފައިވޭ،” އެމްއެމްއޭއިން ބުންޏެވެ.
ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި 708.1 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ދައުލަތަށް ޓެކުހާއި އެކިއެކި ފީގެ ގޮތުގައި ލިބިފައިވާ ބޭރުފައިސާގެ އާމްދަނީވެސް 12 އިންސައްތަ އިތުރުވެފައިވެއެވެ.
އައު ގަވާއިދުގެ ދަށުން ބޭރު ފައިސާ މާރުކުރަން ޖެހެނީ ތިން މަސްދުވަހުގެ ކުރީގެ ރިއަލައިޒްޑް އާމްދަނީންކަމަށްވުމާއެކު، ވިޔަފާރިތަކަށް ބޭރުފައިސާގެ ދަތިކަމެއްނެތި މާރުކުރުމަށް މަގުފަހިވެގެންދާކަމަށް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

