ސަރުކާރުން މާލެ ސަރަހައްދުގައި ތިމާވެއްޓާ ރައްޓެހި ޓެކްސީ ޚިދުމަތެއް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތަކެވެ.
“މާލެ ފަހި” މަޝްރޫޢުގެ ދަށުން ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތަކީ އޫބަރ ނުވަތަ ގްރޭބްގެ ކޮންސެޕްޓަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ އަމިއްލަ ސޮފްޓްވެއަރއެއް މެދުވެރިކޮށް ދެވޭ އިލެކްޓްރޯނިކް ޓެކްސީ ޚިދުމަތެކެވެ. މި ޚިދުމަތް މި އަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމާއި، ރައްޔިތުންނަށް ޒިންމާދާރު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. ޓެކްސީއަށް އެދޭތާ 2 މިނެޓް ތެރޭގައި ޚިދުމަތް ލިބޭނެކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މި ޚިދުމަތާއެކު އެއަރޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ޓެކްސީ ޑްރައިވަރުންނަށް ޚާއްސަ އެވެއަރނެސް ޕްރޮގްރާމެއް ހިންގުމަށްފަހު، ފާސްވާ ފަރާތްތަކަށް ޓެކްސީ ދުއްވުމުގެ ހުއްދަ ދެވޭނެއެވެ. ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއިރު، ޕާޓްޓައިމް ޑްރައިވަރުންނަށް ހަފްތާއަކުން ނުވަތަ ދެހަފްތާއިން މުސާރަ ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތަކީ 24 ގަޑިއިރު ލިބެން ހުންނާނެ ކޭޝްލެސް ޚިދުމަތެއް ކަމަށްވާއިރު، މިހާރު މާލޭގައި ހިދުމަތްދެމުންދާ ޓެކްސީ ޚިދުމަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމަށް ވަނީ އަންގާފައެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް އަމިއްލަ ކާރެއް ގަތުމާއި ގަރާޖް ހޯދުމުގެ ބުރައިން ސަލާމަތްވެ، ޔަގީން މުސާރައަކާއި، ޕެންޝަން ރައްކާތެރިކަމާއި، މަރާމާތާއި ތެލުގެ ޚަރަދުތަކުން ސަލާމަތްވުމުގެ އިތުރުން އިތުރު މާލީ ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

