ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުން މަނާކޮށްފައިވާ ވޭޕްގެ އާލާތެއް މީހަކު ގެންގުޅެނިކޮށް ފެނިއްޖެ ނަމަ އެ ތަކެތި އަތުލައި ނައްތައިލުމުގެ ބާރު އެންމެ ފަހުން ފުލުހުންނަށް ދީފިއެވެ. މި ބާރު ފުލުހުންނަށް ލިބުނީ ހެލްތު މިނިސްޓްރީން އެކުލަވާލައި މިއަދު ސަރުކާރު ގެޒެޓުގައި ޝާއިޢުކުރި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.
މީގެ ކުރިން ވޭޕް ގެންގުޅޭ މީހުންނާއި ހިލޭ ބެހުމާއި ވިޔަފާރިކުރުން ފަދަ ކަމެއް ކުރާ މީހުން ޖޫރިމަނާ ކުރަމުން ދިޔަ ނަމަވެސް އެ ތަކެތި އަތުލުމުގެ ބާރު ފުލުހުންނަށް ގާނޫނުން ދީފައެއް ނުވެއެވެ. އެހެންކަމުން، މިހާތަނަށް ފުލުހުން އެފަދަ އަމަލެއް ނުކުރެއެވެ.
އާ ގަވާއިދުގެ ދަށުން، ފުލުހުންނަށް މިހާރު ލިބިފައިވާ ބާރުތަކުގެ ތެރޭގައި:
– މީހެއްގެ އަތުގައި އޮއްވާ ފެނިއްޖެނަމަ ވޭޕް އަތުލުމުގެ ބާރު
– ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރާ ތަނަކުން ވޭޕް ފެނިއްޖެ ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް އެ ތަކެތި ގެންދިއުމުގެ ބާރު
– އަތުލެވޭ ވޭޕް އާލާތްތައް އަނބުރާ ދޫނުކޮށް ނައްތާލުމުގެ ބާރު
މީގެ އިތުރުން، ފުލުހުން އަތުލާ ތަކެއްޗާއި ނައްތާލާ ތަކެތީގެ ތަފްސީލް ރިޕޯޓެއް ކޮންމެ ހަ މަހަކުން ހެލްތު މިނިސްޓްރީއަށް ފޮނުވަން ޖެހޭނެއެވެ.
އަދި ފުލުހުން، ވޭޕެއް ފެނިގެން، ވޭޕް ހަވާލުކުރަން ކުރާ އަމުރަކާ ދެކޮޅު ހަދާ ހާލަތްތަކުގައި 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު ވެސް ވަނީ ފުހުންނަށް ދީފައެވެ.
ވޭޕް މަނާކުރުމަށްފަހު ޖޫރިމަނާ ކުރެވޭ އަދަދުތައް:
- އެތެރެކުރުމުން: 50،000 ރުފިޔާ
- ވިއްކުމުން: 20،000 ރުފިޔާ
- ހިލޭ ބެހުމުން: 10،000 ރުފިޔާ
15 ޑިސެމްބަރު 2023 އިން ފެށިގެން ވޭޕް ބޭނުންކޮށްގެން މިހާތަނަށް ޖުމުލަ 130،500 ރުފިޔާގެ ޖޫރިމަނާ ވަނީ ކޮށްފައެވެ.