މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މި އަހަރުގެ ރަމަޟާން މަހު އެ އޮތޯރިޓީ ހުޅުވިފައި ހުންނާނެ ގަޑިތައް އިއުލާންކޮށްފައެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ރަމަޟާން މަހާއި އެ ވިދިގެން އަންނަ ހަ ރޯދައިގެ ދުވަސްތަކުގައި އެ އޮތޯރިޓީ ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.
އަދި ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުވުމާ ގުޅިގެން، އެމްއެމްއޭ ހުޅުވާނީ މާރިޗް މަހުގެ 27 އަދި 29 ވަނަ ދުވަހު އެކަނި ކަމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
މީގެއިތުރުން، އެމްއެމްއޭގެ ބޭންކިންގް ޚިދުމަތާއި ސިޓީއާއި ތަކެތި ބަލައިގަތުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މި ބަދަލުތަކަކީ ރަމަޟާން މަހާ ގުޅިގެން ގެނެވޭ ވަގުތީ ބަދަލުތަކެއް ކަމަށްވާއިރު، ރަމަޟާން މަހަށްފަހު އެމްއެމްއޭގެ މަސައްކަތު ގަޑިތައް އާންމު އުސޫލަށް ބަދަލުވާނެއެވެ.

