ރާއްޖެއިން ހައްޖާއި އުމުރާއަށް ދަތުރުކުރާ ފަރާތްތަކުން ކޮންމެހެން ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޝަހުލާ އަލީ ވިދާޅުވީ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއްވާ ގިނަ އަދަދެއްގެ މީހުންގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށާއި، ރާއްޖެ އެނބުރި އައުމަށްފަހު ބަލި ފެތުރުން ހުއްޓުވުމަށް މި ވެކްސިންތައް ޖެހުން ވަރަށް މުހިންމު ކަމަށެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ހައްޖާއި އުމުރާއަށް ދަތުރުކުރާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ އަދި އޯރަލް ޕޯލިއޯ ވެކްސިން ހިމެނެއެވެ. މި ވެކްސިންތައް ޖެހުމަކީ ހައްޖާއި އުމްރާއަށް މީހުން ގެންދާ އެންމެހާ ގްރޫޕްތަކުންނާއި، އަމިއްލަ ގޮތުން ދަތުރުކުރާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ނަޞީރު ވިދާޅުވީ، މި ވެކްސިންތަކުގެ މިންގަނޑުތައް ކަނޑައަޅަނީ އެއިރެއްގައި ބަލިތައް ފެތުރޭ މިންވަރާއި، ރާއްޖޭގައި ބަލިފެތުރުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައިގެން ކަމަށެވެ. އަދި ވެކްސިން އުފެއްދުމުގައި އަންނަ ކުރިއެރުންތަކާއި، ބަލިތައް ފެތުރޭ މިންވަރަށް އަންނަ ބަދަލުތަކާ ގުޅިގެން މި މިންގަނޑުތަކަށް ބަދަލު ގެނެވި، އެ މަޢުލޫމާތު އާންމުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން އިތުރަށް އިލްތިމާސްކޮށްފައިވަނީ، ހައްޖާއި އުމްރާއަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުގެ ކުރިން ވެކްސިން ޖަހާފައިވާކަން ކަށަވަރުކުރުމަށާއި، އަދި އެއްވެސް ސަބަބަކާހުރެ ވެކްސިން ނުޖެހޭ ފަރާތްތަކުން އެކަން އެޗްޕީއޭއަށް އަންގައި، އިތުރު އިރުޝާދު ހޯދުމަށެވެ.