ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފުތަރާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “މެންބަރޝިޕް ޑްރައިވް” އަށްފަހު، ޕާޓީގެ ދަފުތަރާ މެދު ޢާންމުންގެ ޝަކުވާ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ އެ ޕާޓީގެ މެންބަރުންގެ ދަފުތަރުގެ ޞައްޙަކަން ކަށަވަރުކޮށް، ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ދަފުތަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލީޑަރޝިޕަށް އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޕާޓީގެ ދަފްތަރާ މެދު ޢާންމުންގެ ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެ ޕާޓީން މިދިޔަ މަހު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޕާޓީގެ ދަފްތަރާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ، އެ ޕާޓީގެ ދަފުތަރުގައި މެންބަރެއްގެ ގޮތުގައި ހިމެނިފައި އޮތުން ނުވަތަ ނުހިމެނި އޮތުމާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
މީގެ އިތުރުން، ހުށަހެޅޭ ޝަކުވާތަކާ މެދު ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.