ގެދޮރު އިމާރާތްކުރުމަށާއި ނުނިމިހުރި ގެތައް ނިންމުމަށް 5% އިންޓްރެސްޓް ރޭޓްގައި ދޫކުރާ ހިޔާވެހި ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު 8 އޭޕްރީލް 2025 ގެ 11:59 އަށް ނިމޭގޮތަށް ހުޅުވާލައިފިއެވެ.
މި ސްކީމަށް ކުރިމަތިލެވޭނީ http://hiyaavehi.housing.gov.mv މެދުވެރިކޮށް އީފާސް އިންނެވެ.
މި ސްކީމްގެ ދަށުން ލޯނު ދޫކުރެވެނީ ތިން ގިންތިއަކަށެވެ. އަތޮޅުތެރެއަށް 1 މިލިއަން ރުފިޔާއާ ހަމައަށް، އާބަން ސެންޓަރުތަކަށް 3 މިލިއަން ރުފިޔާއާ ހަމައަށް، އަދި މާލެ ސަރަހައްދަށް 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މީގެ އިތުރުން، މާލޭގައި 600 އަކަފޫޓަށްވުރެ ކުޑަ ބިންތައް އެއްކޮށްލާ ފަރާތްތަކަށް ކޮންމެ ބިމަކަށް އިތުރު 1 މިލިއަން ރުފިޔާގެ ލޯނު ލިބޭނެއެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ އަހަރަކުވެސް މި ސްކީމަށް 1 ބިލިއަން ރުފިޔާ ހާއްސަކުރައްވާނެ ކަމަށާއި، އަދި އެއް ބިލިއަން ރުފިޔާ ހިމެނުނު ނަމަވެސް 2 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެއެވެ. ސަރުކާރުން މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖުމްލަ 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މި ސްކީމްގެ ބައިވެރިންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ހިމެނެއެވެ. އަތޮޅުތެރެއަށް ދޫކުރާ ލޯނުތައް ދޫކުރާނީ އެޗްޑީއެފްސީ މެދުވެރިކޮށް ކަމަށާއި، މި ލޯނަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.
މި ސްކީމްގެ މައިގަނޑު މަޤްސަދަކީ ގެދޮރު ހަދަން ބޭނުންވެ ހަދަން ނުފެށިފައިވާ ފަރާތްތަކަށް ލޯނު ދޫކުރުމާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމުމަށް އެހީތެރިވުމާއި، މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން މަގުފަހިކޮށްދިނުމެވެ.

