ކ. ތުލުސްދޫގައި މިއަދު ހެނދުނު ރަޝިއާގެ 70 އަހަރުގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަހީމް ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު އެ ރަށު ހުޅަނގު ފަރާތުގައި އޮންނަ ޑްރީމް ބީޗް ސަރަހައްދުގައެވެ.
“އެ ފަތުރުވެރިޔާ މޫދުގައި އޮއްވައި ބަޔަކަށް ފެނިގެން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި،” ޝަހީމް ވިދާޅުވިއެވެ.
މަރުވި ފަތުރުވެރިޔާއަކީ ރަޝިއާއަށް އުފަން 70 އަހަރުގެ ފިރިހެނެކެވެ. އޭނާ ތުލުސްދޫއަށް ގޮސްއުޅުނީ އޭނާގެ އަނބިމީހާއާއެކު ޗުއްޓީއެއް ހޭދަކުރުމަށެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އަދި މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު ވަނީ މާލެ ގެނެވިފައެވެ.
ފާއިތުވި އަހަރުތަކުގައި ވެސް ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. މިކަމާ ގުޅިގެން ފަތުރުވެރިން މޫދަށް އެރުމުގައި ސަމާލުވުމަށް އަބަދުވެސް އިރުޝާދު ދެމުން ގެންދެއެވެ.