އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގެ ނަން ރަސްމީ ލިޔެކިޔުންތަކުގައި ލިޔަންވީ ގޮތް އެ ރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފައެވެ.
ހަންޏާމީދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުން އަދި އެކި ކުންފުނިތަކުން އެ ރަށުގެ ނަން ތަފާތު ގޮތްގޮތަށް ލިޔަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަން ކައުންސިލަށް ލިބޭ ލިޔެކިޔުންތަކުން ފެންނަން ހުންނަ ކަމަށް ވެސް އިއުލާނުގައި ހާމަކޮށްފައިވެއެވެ.
މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން، ކައުންސިލުން ވަނީ ރަށުގެ ނަން ދިވެހި އަދި އިނގިރޭސި ބަހުން ލިޔަންވީ ރަނގަޅު ގޮތް ކަނޑައަޅާފައެވެ. އެގޮތުން ދިވެހި ބަހުން “ހަންޏާމީދޫ” އަދި އިނގިރޭސި ބަހުން “HANGNAAMEEDHOO” މިގޮތަށް ލިޔުމަށް ވަނީ އަންގާފައެވެ.
ކައުންސިލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިއީ “ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން” ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލިޔާނެ ގޮތެވެ.