މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުޑަކުދިންނަށް ހާއްސަ “ބިންގާ” އެކައުންޓު ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަ މާހެފުމެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމްއައިބީ އިން މަޢުލޫމާތު ދިން ގޮތުގައި، މި މާހެފުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް އާޓިފިޝަލް ބީޗުގައެވެ. މި މާހެފުމުގައި “ބިންގާ” އެކައުންޓު ގެންގުޅޭ ކަސްޓަމަރުންގެ އިތުރުން ކުޑަކުދިން ގޮވައިގެން ދާ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
މި މާހެފުމުގެ އެންމެ ހާއްސަ ކަމަކަށް ވެގެންދާނީ ދީނީ އިލްމުވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާގެ ދީނީ ނަސޭހަތެވެ. “އާސްކް ޑރ. ޒެކް” ގެ ނަމުގައި ބޭއްވޭ މި ސެޝަންގައި ކުދިންނަށް ދީނީ އެކި މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް މަޖާވާނެ އެކި ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
“ބިންގާ” އެކައުންޓަކީ ކުޑަކުދިންނަށް ފަހަށް ރައްކާކުރުމަށް އެމްއައިބީން ތަޢާރަފުކޮށްފައިވާ އީޖާދީ އެކައުންޓެކެވެ. މި އެކައުންޓުގެ ދަށުން ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓެއް ހުޅުވައިދެވެ އެވެ. އެއީ “ބިންގާ ޓްރާންސެކްޝަން”، “ބިންގާ ސޭވިން” އަދި “ބިންގާ އިންވެސްޓް” އެކައުންޓެވެ.
އެމްއައިބީން ބުނާ ގޮތުގައި މި އެކައުންޓުތަކުގެ ތެރެއިން “ބިންގާ ޓްރާންސެކްޝަން” އެކައުންޓަކީ ކުދިން މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރިކުރުވުމަށް ހާއްސަކުރެވިފައިވާ އެކައުންޓެކެވެ. “ބިންގާ ސޭވިން” އެކައުންޓަކީ ކުރު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެއް ކަމަށާއި “ބިންގާ އިންވެސްޓް” އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެއް ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.