މި ހިނގާ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި މިފްކޯއިން މަސްވެރިން ކިރުވި މަހަށް ދޫކޮށްފައިވާ ފައިސާ އޭގެ ކުރީ ހަފްތާއާއި އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވާކަމަށް މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އާދަޔާ ޚިލާފަށް ރަނގަޅުކަމަށް ލަފާކުރެވޭ މި ދުވަސްވަރުގެ، މިދިޔަ ހަފްތާގައި 218 މަސް ދޯންޏަކަށް މިފްކޯއިން 34.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހަަމައެއާއެކު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި 31.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިން ކިރާފައިވާ މަހަށް މިފްކޯއިން ދޫކޮށްފައިވަނީ ޖުމްލަ 117 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 52 މިލިޔަން ރުފިޔާ ކަމަށްވީއިރު، މިއީ ޑިސެމްބަރުމަހާއި އަޅާބަލާއިރު 122 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ ހަފްތާގައި މިފްކޯއިން 546 ޓަނުގެ މަސް ކިރުވާފައިވާއިރު، މިއީ ފަހުގެ ތާރީޙެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވި ދުވަހެވެ. އެދުވަހު، މިފްކޯއިން 48 ދޯންޏަކަށް 7.6 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިދިޔަ ހަފްތާގައި މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަހަރަކީ މަސްވެރިން ކިއުގައި ޖެހޭނެ އެންމެ ފަހު އަހަރުކަމުގައި ވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިދިޔަ ހަފްތާގައި މިފްކޯ ބަނދަރުތަކުގައި މަސްވެރިން ހެދި ކިއު ހަފްތާ ބަނދުތެރޭގައި އެއްކޮށް ވަނީ ހުސްކޮށްލާފައެވެ.

