ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގެ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
މިރޭ ހިތަދޫގައި އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފާއި، އިގްތިސާދީ ތަރައްގީއާއި ބެހޭ ވަޒީރު މުހައްްމަދު ސައީދެވެ.
މިރޭ ހުޅުވިގެން ދިޔަ އާ އޭޓީއެމްއިން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ. ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ގާއިމްކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަ ކުރެވިފައިވަނީ ސެލްފް ސަރވިސް ބޭންކިންގގެ ޚިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއަކަށްވީއިރު، ހިތަދޫގައި މިހާރު 3 އޭޓީއެމް ގާއިމްކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއީ ބީއެމްއެލްއިން މާލެއިން ބޭރުގައި ހުޅުވި ދެވަނަ ޑޮލަރު އޭޓީއެމްއެވެ. މީގެ ކުރިން ކ. މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތްދޭން ފަށާފައިވާއިރު، މި އޭޓީއެމް ހުޅުވީ މިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހު 10 ވަނަ ދުވަހުއެވެ.
މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބީއެމްއެލްގެ ހިދުމަތް ފުޅާކުރެވިގެން ގޮސްފައިވާއިރު، 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިން ސެންޓަރ އަދި 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތް ދެވެމުންދާ ކަން ފާހަގަކޮށްލެވެއެވެ.