ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިން މަދީނާ އިސްލާމީ ޔުނިވަރސިޓީއަށް ޒިޔާރަތްކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު (ވަމީ) ގުޅިގެން ކުރިއަށްގެންދާ ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިން، އިސްލާމީ ދުނިޔޭގައި އިސްލާމީ ތަޢުލީމުދޭ އެންމެ ބޮޑު ޔުނިވަރސިޓީ ކަމަށްވާ މަދީނާ އިސްލާމީ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި ދަތުރުގެ ބައިވެރިން ވަނީ ޔުނިވަރސިޓީގެ ތަޢުލީމީ ހަރަކާތްތައް ކުރިއަށްދާ ގޮތް ބަލައިލުމުގެ އިތުރުން، ޔުނިވަރސިޓީގެ މިސްކިތަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި މީގެއިތުރުން، ބައިވެރިން ވަނީ މަސްޖިދުއްނަބަވީއަށާއި، ޤުބާ މިސްކިތަށާއި، އުޙުދުގެ މައިދާނަށް އަދި މަދީނާގައި ހުންނަ އިސްލާމީ މައުރަޒަށްވެސް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި ބައިވެރިންނަށް ވަނީ ނަބިއްޔާގެ ޙަޔާތްޕުޅާ ގުޅޭ މުހިންމު މަޢުލޫމާތުތަކާއި، މަސްޖިދުއްނަބަވީއަށް އައިސްފައިވާ ބަދަލުތަކުގެ މަޢުލޫމާތު ލިބިފައެވެ.
މި މަހުގެ 14 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ރާއްޖޭގެ އެކި މަރުކަޒުތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން، އިސްލާމިކް ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން، ސީއެޗް.އެސް.ސީ، ވިލާ ކޮލެޖު، ޒިކުރާ ކޮލެޖު، ހިރާ ސްކޫލް އަދި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ އިތުރުން ފާހަގަކޮށްލެވޭ ބައެއް ޒުވާން ޚަޠީބުން މި ދަތުރުގައި ބައިވެރިވިއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައިވާ އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން، ދިވެހި ޒުވާނުންނަށް އިސްލާމީ ތަޢުލީމާއި ޘަޤާފަތުގެ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ދަތުރެކެވެ