އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އަމާޒުކޮށްގެން ސިއްހީ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭއާއި) ގުޅިގެން އިއްޔެ ކުރިއަށް ގެންގޮސްފައިވާ މި ސެޝަަނުގައި އާންމު ސާފުތާރިހުކަމުގެ މިންގަނޑުތަކާއި އުމްރާއަށް މީހުން ގެންދާއިރުގައި ބަލިތަކުން އެ މީހުން ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް ވަނީ ކިޔާދީފައެވެ.
ރާއްޖެއިން ހައްޖާއި އުމުރާގެ އަޙުކަމަށް ދަތުރުކުރާ މީހުން ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން، އެޗްޕީއޭއިން ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން މީހުން އެއްވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ދަތުރުވެރިން ރައްކާތެރިވުމަށާއި އެމީހުން ރާއްޖެ އަނބުރާ އައުމަށްފަހު ބަލިތައް ފެތުރުން މަދުކުރުމަށްޓަކައި ވެކްސިން ޖެހުން މުހިންމު ކަމަށެވެ.
ހައްޖާއި އުމުރާވެރިން ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި:
- މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން
- އިންފްލުއެންޒާ
- އޯރަލް ޕޯލިއޯ ވެކްސިން
ހައްޖާއި އުމްރާއަށް މީހުން ގެންދާ ހުރިހާ ގްރޫޕްތަކުންނާއި އަދި އަމިއްލައަށް އުމްރާއަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ވެކްސިންތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރުން މުހިންމުކަމުގައި އެޗްފީއޭއިން ވިދާޅުވެއެވެ.