އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށް ދެމުންދާ ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް، އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. މީގެ އިތުރުން މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވެސް މި އެވޯޑުގެ ޒަރީއާއިން ވަޒަން ކުރެވެއެވެ.
ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން މެއި މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ. އެވޯޑަށް ކުރިމަތިލެވޭނީ އަމިއްލައަށް ނަން ހުށަހަޅައިގެންނާއި، އެހެން ފަރާތަކުން ނޮމިނޭޓް ކުރުމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި ޖަމުއިއްޔާ ޖަމާއަތްތަކުން ނަން ހުށަހަޅައިގެންނެވެ.
އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމާއި އުސޫލު ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުންވެސް މި ލިޔެކިޔުންތައް ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ވުޒާރާގެ އީމެއިލް މެދުވެރިކޮށް ނުވަތަ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 14:00 އާ ދެމެދު ވުޒާރާގެ ރިސެޕްޝަނަށެވެ.

